މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން، މި ހިނގާ މޭއި މަހުގެ 3 އިން 9 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 862 މައްސަލަ ބަލައިފި އެވެ.
ކައުންސިލުން "ވީކްލީ ސްޓެޓިސްޓިކްސް"ގެ ނަމުގައި ނެރޭ ހަފްތާ ރިޕޯޓްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި ޖުމްލަ 623 މައްސަލަ ބަލައި ނިންމާފައިވާއިރު، އިތުރަށް ބަލަމުންނާ 239 މައްސަލައެވެ. . އަދި ޖޫރިމަނާ ކުރެވިފައިވާ 2 މައްސަލައެއްގެ އިތުރުން ނަސޭހަތް ދެވިފައިވާ 9 މައްސަލައެއް ވެސް ހިމެނޭ ކަމަށް ރިޕޯޓްގައި ވެ އެވެ.
މި ހަފްތާގެ ތެރޭގައި އެންމެ ގިނައިން އެޓެންޑްކޮށްފައި ވަނީ ކުނި މެނޭޖްކުރުމާ ގުޅޭ މައްސަލަތަކަށެވެ. އެގޮތުން ފާހަގަ ކުރެވިފައިވަނީ މަގުތަކާއި ގޯޅިތަކާއި ހުސް ބިން އަދި ފަޅުތެރެއަށް ކުނި އެޅުމުގެ 324 މައްސަލަ އެވެ.
ދެ ވަނައަށް އެންމެ ގިނައިން އެޓެންޑްކޮށްފައި ވަނީ އާންމު ރައްކާތެރިކަމާ ގުޅޭ މައްސަލަތަކަށެވެ. އެއީ މިސްކިތްތަކާއި މައިޒާންތަކާއި ޕާކުތައް ބަލައި ޗެކްކުރުމުގެ 309 މައްސަލަ އެވެ.
ތިން ވަނައަށް އެންމެ ގިނައިން ރިޕޯޓްކުރެވިފައި ވަނީ މަގު ނުވަތަ ޕޭމަންޓް މަތީގައި ޤަވާއިދާ ހިލާފަށް ޕެލެޓާއި ފޮށިގަނޑާއި އެހެނިހެން ސާމާނު ބެހެއްޓުން ނުވަތަ ޖަމާކުރުމާ ގުޅޭ ގޮތުން ފާހަގަވި 52 މައްސަލައެވެ.
ޖުމްލަ އަށް ދާއިރާއެއް ހިމެނޭ ގޮތަށް ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން ތައްޔާރުކޮށްފައިވާ މި ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ކުނި މެނޭޖްކުރުމާ ގުޅޭ މައްސަލަތަކާއި، އާންމު އިޖްތިމާއީ މިންގަނޑާ ހިލާފު ކަންކަމާ ގުޅޭ މައްސަލަތަކާއި، ޤަވާއިދާ ހިލާފަށް ހިންގާ ކަންކަން ހިމެނެ އެވެ.
