މާލެ ސިޓީގެ 5 ވަނަ ދައުރުގެ އިންތިޚާބީ މޭޔަރަ، އާދަމް އާޒިމާއި މާލެ ސިޓީގެ އެކި ދާއިރާތަކުން އިންތިޚާބުވެ ވަޑައިގެންނެވި ކައުންސިލަރުންގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރުން ހުވާ ކުރައްވައިފިއެވެ.
ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި މި ދަރުބާރުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް އިއްޒަތްތެރި މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެގޭ ތެރޭގައި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަޙްމަދު އައިފާނާއި، މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު އަޙްމަދު ޒަމީރާއި، މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާޢުގެ އިތުރުން މާފަންނު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމާއި، ހަނިމާދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ އެކްޓިންގ ޗެއަރޕާސަން ޢަބްދުލްޣަފޫރު މޫސާ ހިމެނިވަޑައިގަންނަވައެވެ.
މީގެ އިތުރުން ބައެއް ޤައުމުތަކުގެ ސަފީރުންވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނާފައެވެ. އެގޭ ތެރޭގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ކޮންގ ޝިއަންހުވާއާއި، އޮސްޓްރޭލިއާގެ ހައި ކޮމިޝަނަރ ހިޒް އެކްސެލްންސީ ޑެވިޑް ޗެސަޕާއި، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ އިޝިގާމީ ހިމެނިވަޑައިގެންނެވިއެވެ. މީގެ އިތުރުން މަލެ ސީޓިގެ ފުރަތަމަ މޭޔަރ އާދަމް މަނީކާއި، އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން ފަހުމީގެ އިތުރުން މައުމޫން ފައުންޑޭޝަންގެ ވައިސް ޗެއަރމަން އަޙްމަދު ފާރިސް މައުމޫން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ދަރުބާރުގައި މޭޔަރާއި ކައުންސިލަރުންނަށް ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ޝަނީޒު ޢަބްދުﷲ އެވެ.
މި ދަރުބާރުގައި މޭޔަރާއި ކައުންސިލަރުން ހުވާގެ އިޤްރާރުގައި ސޮއިކުރެއްވުމުގެ އިތުރުން، މާލޭ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ވެސް ވަނީ އިޤްރާރުގައި ސޮއިކުރައްވައިފައެވެ.
މި ރަސްމިއްޔާތުގައި މާލެ ސިޓީގެ ސެކެޓްރީ ޖެނެރަލް އަބްދުލް މުޙައިމިން ނަސީރު ވަނީ ނިމިދިޔަ ދައުރުގައި މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމާއި ކައުންސިލަރުން އަދި ޑަބްލިއު.ޑީ.ސީގެ މަސައްކަތް ފާހަގަ ކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. އަދި ނިމިދިޔަ ކައުންސިލުން ކޮށްފައިވާ މަސައްކަތްތަކާއި، ދިމާވި ބައެއް ގޮންޖެހުންތަކާއި ބެހޭ ގޮތުން އަލި އަޅުވައި ވާހަކަ ދައްކަވާފައެވެ.
މި ރަސްމިއްޔާތުގައި މާލެ ސިޓީގެ އިންތިޚާބީ މޭޔަރ އާދަމް ޢާޒިމް ވަނީ ވާހަކަ ފުޅު ދައްކަވާފައެވެ. މޭޔަރ ޢާޒިމްގެ ވާހަކަފުޅުގައި ކައުންސިލަށް އިންތިޚާބުވެ ވަޑައިގެންނެވި ކައުންސިލަރުންނަށް މަރުހާބާ ދަންނަވައި، ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް މަސައްކަތް ކުރުމަށާއި، ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދީ ނަތީޖާ ނެރެދޭ ބަޔަކަށް ވުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ. މޭޔަރ ވާހަކަފުޅުގައި ކައުންސިލުން މިފަށާ ދައުރުގައި މަސައްކަތް ބައްޓަން ކުރައްވަން ގަސްދުކޮށްފައިވާ ދައިރާތަކާއި ގުޅޭ ގޮތުންވެސް ވަނީ ވާހަކަ ދައްކަވާފައެވެ.
މިއަދު ބޭއްވި ހުވާ ކުރުމުގެ ރަސްމިއްޔާތަށްފަހު، މާލޭ ސިޓީ ކައުންސިލްގެ ފަސް ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ވަނީ ބާއްވެމަށް ހަމަޖެހިފައެވެ.
މާލޭ ސިޓީ ކައުންސިލް މެންބަރުންގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތާއެކު، އެހެން ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލުތަކަށް އަލަށް އިންތިހާބުވި މެންބަރުންގެ ހުވާކުރުން ވެސް މިއަދު ބާއްވާފައިވެއެވެ.
