މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 19 މެއި 2026


އައު ދައުރަކަށް މި ފަށަނީ ނަޒާހާތްތެރި ކަމާއެކު، ޒަމާނީ ބަދަލުތަކެއް މާލެއަށް ގެނެސްދިނުމުގެ އުންމީދުގައި: އިންތިކާބީ މޭޔަރ ޢާޒިމް

އައު ދައުރަކަށް މި ފަށަނީ ނަޒާހާތްތެރި ކަމާއެކު، ސާފު އަމަޒަކާއެކީ ޒަމާނީ ބަދަލުތަކެއް ގެނައުމަށާއި، ހުރިހާ ކަމަށް ވުރެ ބޮޑަށް ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން މަސައްކަތްތައް ބައްޓަން ކުރުމަށް ކަމަށް، މާލެ ސިޓީގެ އިންތިޚާބީ މޭޔަރ އަދި ކުރީ ދައުރުގެ މާލެ ސީޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރ ޢާޒިމް މިފަދައިން ވިދާޅުވީ، މިއަދު ބޭއްވުނު ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ މާލެ ސިޓީގެ މޭޔަރާއި، ކައުންސިލަރުން އަދި މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރުން އިޤްރާރުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްވަމުންނެވެ.

އަލަށް އިންތިޚާބްވެ ވަޑައިގެންނެވި ކައުންސިލަރުންނަށް މަރުޙަބާ ދަންނަވައި މޭޔަރ ޢާޒިމް އިލްތިމާސް ކުރެއްވީ ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް މަސައްކަތް ކުރުމަށާއި، ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދީ ނަތީޖާ ނެރެދޭ ބަޔަކަށް ވުމަށެވެ.

މާލެ ސިޓީ އަކީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސަރަހައްދު ކަމަށާއި، ރާއްޖޭގެ އިދާރީ މަރުކަޒު ކަމަށް ފާހަގަ ކުރައްވައި މޭޔަރ ވިދާޅުވީ، މި ކައުންސިލުން ނިންމާ ނިންމުންތަކުގެ އަސަރު މާލޭގެ އިމަށް ވުރެ މާ ދުރަށް ފޯރާނެކަމާށާއި އެހެން ކަމުން އެ ނިންމުންތަކަކީ މުޅި ރާއްޖެއަށް ދެފުށް ފެންނަ، ހަރުދަނާ އަދި ޑިމޮކްރެޓިކް ނިޒާމެއް ހިންގުމުގެ ނަމޫނާ އަކަށް ވާން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެން މުއައްސަސާ އޮނިގަނޑު އޮތީ، ވަރަށް ސާފުކޮށް ބަޔާންކޮށްފަ. ކައުންސިލްގެ ދައުރަކީ ސިޔާސަތުތައް ކަނޑައެޅުމާއި، ހަރުދަނާ ލީޑަރޝިޕެއް ފޯރުކޮށްދިނުމާއި، ކަންކަން ބަލައި މޮނިޓަރ ކުރުން. ސެކެޓްރީ ޖެނެރަލް އިސްވެ ހުންނަވައި އިދާރީ މުއައްޒަފުންގެ މަސްއޫލިއްޔަތަކީ އެ ނިންމުންތައް ޕްރޮފެޝަނަލްކޮށް، ޤާނޫނީ އިމުގެ ތެރެއިން ހަލުވި ކަމާއެކު ތަންފީޒު ކުރުން. މި ތަފަތު ތަކަށް އިޙްތިރާމް ކުރުމަކީ އިޙްތިޔާރީ ކަމެއް ނޫން. އެއީ ހެޔޮ ވެރިކަމާއި، ޒިންމާދާރުވުމާއި، ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެއް" މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

އައު ދައުރަކަށް ކައުންސިލް ފަށާއިރު ކައުންސިލްގެ މަސައްކަތްތައް ބައްޓަން ކުރެވިފައިވާ މުހިއްމު 5 ދާއިރާއަކާއި ގުޅޭ ގޮތުން އަލި އަޅުއްވައި މޭޔަރ ޢާޒިމް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ ލާބައާއި މަންފާއަށް މަގުދައްކާދޭގޮތަށް ދެމެހެއްޓެނިވި ގޮތެއްގައި ސިޓީ ހިންގުމާއި، އިތުބާރު ހުރި ހަރުދަނާ މުނިސިޕަލް ޚިދުމަތްތަކެއް ދިނުމާއި، މާލީ ނަޒާހާތްތެރި ކަމާ ޒިންމާދާރު ކަމުގެ އިތުރުން، އެންމެން ބައިވެރިވާ ރައްޔިތުންނާ ގާތުން މަސައްކަތް ކުރާ ކައުންސިލަކަށް ވުމާއި ޑިޖިޓަލް ވެރިކަމާ މުއައްސަސާ ޒަމާނީކުރުން ހިމެނެއެވެ.

މީގެ އިތުރުން މޭޔަރ ވާހަކަފުޅުގައި ވިދާޅުވީ، ޚިޔާލު ތަފާތު ވުމަކީ ޑިމޮކްރެޓިކް ނިޒާމެއްގައި އޮންނަންޖެހޭ ކަމެއް ކަމަށާއި، ނަމަވެސް ނިންމުމެއް ނިންމުމަށް ފަހު އެކުގައި މަސައްކަތް އެ ނިންމުން ތަކުގެ ފުރިހަމަ ޒިންމާ އުފުލުމަކީ ތަޞައްރަފު ފުރިފައިވާ ވެރިކަމެއްގެ ސިފައެއް ކަމަށެވެ. އަދި ރައްޔިތުން ކައުންސިލްގެ މަސައްކަތް އަގު ވަޒަން ކުރާނީ ހަމައެކަނި ކައުންސިލަރުންގެ ނިޔަތަކުން ނޫން ކަމަށާއި، ޚިދުމަތަށް އަންނަ ބަދަލާ، ދެފުށް ފެންނަ މިންވަރާ، އުފެދޭ އިތުބާރުގެ މައްޗަށް ބިނާކޮށް ކަމަށްވެސް މޭޔަރ ވަނީ ފާހަގަކުރައްވާފައެވެ.

މޭޔަރ ޢާޒިމް މާލެ ސީޓީގެ މޭޔަރ ކަމަށް ދެވަނަ ދައުރަކަށް ހޮވިވަޑައިގަތީ ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓާ ވާދަކުރައްވާ ވޯޓުލީ މީހުންގެ 45.44 އިންސައްތަ ވޯޓާއެކުއެވެ.