މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 20 މެއި 2026


އެލީޓް ރަނަރސް މޯލްޑިވްސް އިން މޭޔަރ އާދަމް ޢާޒިމާ ބައްދަލުކޮށްފި

އެލީޓް ރަނަރސް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ "އެލައިޑް ހުޅުމާލެ ރަން" އާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.

މިއީ، ދުޅަހެޔޮ ސިއްޙަތެއް ކުރިއެރުވުމަށާއި މުޖުތަމަޢުގެ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި މާލެ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތުގެ ތައްޔާރީތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި، މޭޔަރ ޢާޒިމް ވިދާޅުވީ، މި ފަދަ ދުވުންތައް މާލެ ސިޓީގައި ބޭއްވުމުގެ ސަބަބުން، މި ސިޓީގައި ދިރިއުޅުއްވާ ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުވެގެންދާނެ ކަމަށެވެ. އަދި މި ދުވުމަށް މާލެ ސިޓީ ކައުންސިލުން ވެދެވެން ހުރި އެހީތެރިކަމެއް ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން މޭޔަރ ވަނީ ދެއްވާފައެވެ.

މި އިވެންޓާ ގުޅޭގޮތުން، އިވެންޓް އިންތިޒާމުކުރާ ފަރާތުން ވިދާޅުވެފައިވަނީ، މާލެ ސިޓީގެ މޭޔަރާ ބައްދަލުވުމަކީ ލިބިލެއްވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެލައިޑް ހުޅުމާލެ ރަން، 2026 އަށް މާލެ ސިޓީ ކައުންސިލުން މެދުކެނޑުމެއްނެތި، ދެއްވަމުންގެންދަވާ އެއްބާރުލެއްވުމަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާކަމަށް ވިދާޅުވިއެވެ. ޚާއްޞަކޮށް ރޭސް ވިލެޖުގެ ލޮޖިސްޓިކްސް އަދި އިވެންޓް ޑެކަރޭޝަންގެ ކަންކަމުގައި ކައުންސިލުން ދެއްވާ އެހީތެރިކަން އެ ފަރާތުން ފާހަގަކުރާކަމަށް ވިދާޅުވިއެވެ.

މި ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި ހަރަކާތުގައި 1000 އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވާނެ ކަމަށް އިންތިޒާމުކުރާ ފަރާތުން މަޢުލޫމާތުދެއެވެ.

މި އަހަރުގެ ދުވުމުގެ އެންމެ ޚާއްޞައެއް ކަމަކީ، 28 ޤައުމެއްގެ ދުވުންތެރިން ބައިވެރިވުމެވެ. މީގެ އިތުރުން ތައިލޭންޑުގެ ބެންކޮކުން 22 ދުވުންތެރިންގެ ޚާއްޞަ ޓީމެއް، މި ދުވުމުގައި ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ. އަދި މި ދުވުމުގައި 1 މޭލު، 5 ކިލޯމީޓަރު، 10 ކިލޯމީޓަރު އަދި 21.1 ކިލޯމީޓަރުގެ ހާފް މެރެތަން ފަދަ ތަފާތު ފަސް ކެޓަގަރީއެއް ހިމެނެއެވެ.