މާލެ ސިޓީ ކައުންސިލް އޮޑިޓްކޮށް، ކައުންސިލްގެ އޮޑިޓް ރިޕޯޓް ހާމަކުރުން ލަސްވަމުންދާތީ، އެކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް،މާލެ ސިޓީ ކައުންސިލުން އޮޑިޓަރ ޖެނެރަލް އޮފީހުގެ އިސްވެރިންނާ މިއަދު ބައްދަލުކޮށްފިއެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ މިއަދު އޮޑިޓަރ ޖެނެރަލް އޮފީހުގައެވެ.
މި ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވަނީ، ކައުންސިލުން ހުށަހަޅައިފައިވާ އޮޑިޓްތައް ވީހާ ވެސް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމަވައި، އޭގެ ރިޕޯޓް ހާމަކޮށްދެއްވުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އިސްވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.
ކައުންސިލްގެ އޮޑިޓް ރިޕޯޓް ހާމަކުރުން ލަސްވަމުންދާތީ، މޭޔަރ އާޒިމް ވަނީ، މީގެ ކުރިން ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ވެސް އޮޑިޓް އޮފީހަށް ވަޑައިގެންފައެވެ. ނަމަވެސް އެ ދުވަހު އޮޑިޓަރ ޖެނެރަލް އޮފީހުގައި ނޫޅުއްވާތީ، އެމަނިކުފާނާ ބައްދަލުވާގޮތް ވަނީ ނުވެފައެވެ.
މޭޔަރ ޢާޒިމް ވިދާޅުވި ގޮތުގައި، މާލެ ސިޓީ ކައުންސިލް އޮޑިޓް ނުކުރާތާ މިހާރު ވަނީ 10 އަހަރު ވެފައެވެ. އަދި މޭޔަރުކަމުގެ މަގާމާ އެ މަނިކުފާނު ހަވާލުވުމަށް ފަހު އެންމެ ފުރަތަމަ ކުރެއްވި އެއް މަސައްކަތަކީ ކައުންސިލް އޮޑިޓް ކުރުމުގެ މަސައްކަތް ކަމަށާއި، އެ ކަމަށް ބޭނުންވާ ހުރިހައި މަޢުލޫމާތަކާއި ލިޔެކިޔުންތަކެއް އޮޑިޓް އޮފީހާ ހިއްސާކޮށްފައިވާނެ ކަމަށް ވެސް މޭޔަރ ޢާޒިމް ފާހަގަކުރެއްވިއެވެ.
މާލެ ސިޓީ ކައުންސިލަކީ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރި ތަނެއްކަން ފާހަގަކުރައްވަމުން މޭޔަރ ޢާޒިމް ވިދާޅުވީ، ކައުންސިލްގެ ހިންގުން ހަރުދަނާ ކުރުމަށް ޓަކައި އޮޑިޓް ކުރުމަކީ ނުހަނު މުހިއްމު ކަމެއް ކަމަށެވެ. އެހެންކަމުން، ވީހާވެސް އަވަހަށް އޮޑިޓްގެ މަސައްކަތްތައް ނިންމައި، ތަނުގެ ހާލަތު ސާފުކޮށްދެއްވުމަށް މޭޔަރ ވަނީ މިއަދުގެ ބައްދަލުވުމުގައި ތަކުރާރުކޮށް އެދިވަޑައިގެންފައެވެ.
މޭޔަރ ޢާޒިމްގެ އިތުރުން މިބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލްގެ އިސް ބައެއް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
