މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 03 ޖޫން 2026


ދުނިޔޭގެ ބައިސްކަލް ދުވަސް ފާހަގަކުރުމަށް ބޭއްވި ބައިސްކަލް ބުރުގައި މޭޔަރ ޢާޒިމް ބައިވެރިވެވަޑައިގެންފި

ދުނިޔޭގެ ބައިސްކަލް ދުވަސް ފާހަގަކުރުމުގެ ގޮތުން ބައިކް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި ހާއްސަ ބައިސްކަލް ބުރުގައި މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ބައިވެރިވެވަޑައިގެންފިއެވެ.

މި ހަރަކާތަކީ ދުޅަހެޔޮ ސިއްހަތަކާއި ހަރަކާތްތެރި ދިރިއުޅުމަކަށް ބާރުއެޅުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މި އަހަރުގެ ބައިސްކަލް ދުވަހުގެ ޝިއާރަކީ "ފެހި މުސްތަޤުބަލަކަށްޓަކައި ބައިސްކަލް ދުއްވުން" މިއެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ބައިސްކަލް ދުއްވުމާއި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމުތަކަށް ޒުވާން ޖީލު އަހުލުވެރިކުރުވުމެވެ. މީގެ އިތުރުން މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ވެސް މި ދުވަސް ފާހަގަކުރުމުގެ މުހިންމު އެއް ބޭނުމެވެ.

ދުނިޔޭގެ ބައިސްކަލް ދުވަހަކީ އދ. އިން ކަނޑައަޅައިގެން 2018 ވަނަ އަހަރުން ފެށިގެން ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ.

މި ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި އިސްކޮށް ހަރަކާތްތެރިވާ ބައިކް މޯލްޑިވްސް އަކީ ރާއްޖޭގައި ބައިސްކަލު ދުއްވުން ކުރިއަރުވައި، ދުޅަހެޔޮ ދިރިއުޅުމަކަށް ހިތްވަރުދީ، ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ރަސްމީ ޖަމިއްޔާއެކެވެ.