މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 03 ޖޫން 2026


ވިލިމާލެ ލޯކަލް މާރުކޭޓްގެ ގޮޅިތަކުގެ މުއްދަތު އިތުރުކޮށް، އަލުން އެ ގޮޅިތައް އިއުލާން ކުރަން ނިންމައިފި

ވިލިމާލެ ލޯކަލް މާރުކޭޓްގެ ގޮޅިތަކުގެ މުއްދަތު ހަމަވެފައިވާތީ، އެ ގޮޅިތަކުގެ މުއްދަތު ޖުލައި މަހުގެ ނިޔަލަށް އިތުރުކޮށް، އެ ގޮޅިތަކަށް އައު އުސޫލުތަކެއް ކަނޑައެޅުމަށް ފަހު އަލުން އިއުލާން ކުރަންނިންމައިފި އެވެ.

މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 02 ވަނަ ރަސްމީ އާންމު ޖަލްސާގައި މިގޮތަށް ނިންމާފައިވަނީ ވިލިމާލެ ލޯކަލް މާރުކޭޓްގެ ގޮޅިތަކުގެ މުއްދަތު 31 އެޕްރީލް 2026 އަށް މުއްދަތު ހަމަވެފައިވާތީ އެކަމަށް މަޝްވަރާކޮށް ގޮތެއް ނިންމުމަށް ކައުންސިލަރުންނާ އެކު ކުރެވުނު މަޝްވަރާއަށްފަހު އެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ވިލިމާލެ ލޯކަލް މާރުކޭޓަކީ ރައްޔިތުންނަށް އެންމެ އެކަށޭނެ ޚިދުމަތެއް ދެވޭނެ ފެންވަރަށް ތަރައްޤީ ކުރެވިފައިވާ ތަނެއް ނޫން ކަމަށާއި، މިހާރު މިއޮތް ކައުންސިލާ އެއްކޮށް ކަންކަން އިސްލާހްކޮށްގެން ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ދެވޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، ގޮޅިތަކުގެ މުއްދަތާ މެދު އާންމުކޮށް ކައުންސިލުން މިހާތަނަށް ކަންކުރަމުން އައި އުސޫލަކީ ޤަވައިދުން ކުލި ދައްކަމުން އަންނަ ފަރާތްތަކަށް މުއްދަތު އިތުރުކޮށްދޭ އުސޫލެއް ކަމަށެވެ. އެހެން ނަމަވެސް މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރ، މުޙައްމަދު ރިޟްވާން ޢަލީ ހުށަހެޅުއްވީ، ވަކި މުއްދަތެއް ދިނުމަށްފަހު، އުސޫލުތަކެއް ކަނޑައަޅާ، އަލުން ގޮޅިތަކަށް އެދުމުގެ ފުރުސަތު ހުޅުވާލުމަށެވެ. އަދި މިގޮތަށް ހުޅުވާލުމުގައި ޤަވާއިދުން ކުލި ދައްކާފައިވާ ފަރާތްތަކަށް ޕޮއިންޓް ދިނުމުގެ އުސޫލެއް ކަނޑައެޅޭނެ ގޮތަކަށް ކުރިޔަށް ގެންދިއުމަށް ކައުންސިލްގައި އެދިފައިވެއެވެ. މިކަމަށް ގިނަ ކައުންސިރުން ވަނީ ތާއިދުކޮށް ވާހަކަ ދައްކަވާފައެވެ.

މީގެ އިތުރުން ވިލިމާލެ ދާއިރާގެ ކައުންސިލަރ، އިބްރާހިމް ސަމާޙު ދެއްކެވި ވާހަކައިގައި ވިދާޅުވީ، މި ގޮޅިތަކަކީ ޚިދުމަތް ހޯދަން އަންނަ ފަރާތްތަކާއި، ޚިދުމަތް ދިނުމަށް ތިބޭ ފަރާތްތަކަށް ވެސް އެންމެ އެކަށީގެންވާ ފެންވަރަކަށް ހުރި ތަންތަން ނޫންކަމަށާއި، ތަނުގެ ސާފުތާހިރުކަން ބެލެހެއްޓިފައިވާ ތަންތަން ނޫން ކަމަށް ވެސް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން މި ތަންތަން އަލުން ކުއްޔަށް ދޫކުރުމުގެ ކުރިން މާރުކޭޓް އިތުރަށް ތަރައްޤީ ކޮށް އުސޫލްތަކަށް ބަދަލު ގެންނަން ފެންނަ ކަމަށް ވަނީ ވިދާޅުވެފައެވެ.

މި އުސޫލުތަކަށް ބަދަލު ގެނައުނުމުގައި ތިން ވަނަ ފަރާތަކަށް އެގްރިމެންޓް ނުކުރެވޭނެ ގޮތަށް ޤަވައިދު އިސްލާހް ކުރުމާއި، އެކަން ބެލޭނެ އިންތިޒާމްތަކެއް ކަނޑައެޅުމާށާއި، ބިދޭސީން ގޮޅިތަކުގައި ތިބޭ މައްސަލައަށް ހައްލު ހޯދޭނެ ގޮތަކާ މެދު ކައުންސިލަރުން މެދުގައި ވަނީ މަޝްވަރާކުރެވިފައެވެ.

ވިލިމާލެ ލޯކަލް މާރުކޭޓްގެ ގޮޅިތަކުގެ މުއްދަތު އޭޕްރީލް މަހުގެ ނިޔަލަށް ހަމަފައިވާއިރު، މުއްދަތާ މެދު ގޮތެއް ނިންމުމަށް ނިމިދިޔަ ދައުރުގެ ގިނަ ޖަލްސާތަކުގައި ވަނީ ތާވަލުކުރެވިފައެވެ. އެހެންނަމަވެސް ކައުންސިލަރުން ހާޒިރު ނުމުގެ ސަބަބުން ޖަލްސާ ބޭއްވޭ ގޮތް ވަނީ ނުވެފައެވެ.