މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 05 ޖޫން 2026


މޭޔަރ ޢާޒިމްގެ ޚާއްޞަ މެސެޖް: "ތިމާވެށި ޙިމާޔަތް ކުރުމަށް ޒިންމާދާރުކަމާއެކު ޢަމަލީ ގޮތުން މަސައްކަތްކުރައްވާ''

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރަމުންދާއިރު، ރާއްޖޭގެ ނާޒުކު ތިމާވެށި ޙިމާޔަތްކުރުމަށް ފަރުދީ ފެންވަރުގައި ކުރެވެން ހުރި ހުރިހައި މަސައްކަތެއް ކުރުމަށް، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް އިލްތިމާސް ކުރައްވައިފިއެވެ.

ކޮންމެ އަހަރެއްގެ ޖޫން މަހުގެ 5 ވަނަ ދުވަހަކީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގައި، ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހެވެ.

މި ދުވަހާ ގުޅިގެން މޭޔަރ ޢާޒިމް އެކްސްގައި ޝާއިޢުކުރެއްވި މެސެޖެއްގައި ވިދާޅުވީ، ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ތިމާވެށީގެ މައްސަލަތައް އެންމެ ގިނައިން ކުރިމަތިވެފައިވާ އެއް ޤައުމުކަން ޤަބޫލުކުރަން ޖެހޭ ކަމަށެވެ. އަދި ރަށް ގިރުމާއި، އުދަ އެރުމާއި، ފަރުގެ ގާތައް މަރުވުމުގެ އިތުރުން މޫސުމީ ވިއްސާރައާއި ކުނީގެ މައްސަލަތަކަކީ އޭގެ ''ވޭން'' ދިވެހިން އިންތިހާއަށް ތަޙައްމަލް ކުރަން ޖެހިފައިވާ ކަންކަން ކަމުގައި މޭޔަރ ޢާޒިމްގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ ތިމާވެށްޓަށް ކުރިމަތިވެފައިވާ ހުރިހައި ކަމެއް ހައްލުކުރުމުގެ ބާރު އަޅުގަނޑުމެންގެ ކިބައިގައި ނެތް ނަމަވެސް، ކުނީގެ މައްސަލަ ފަދަ މައްސަލަތައް ހައްލުކުރެވޭނެ ކަމަށެވެ. އަދި ތިމާވެށި ރައްކާތެރިކުރުމަށް ޓަކައި ފަރުދީ ޒިންމާ އަދާކުރުން ވަރަށް ވެސް މުހިންމު ކަމަށް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ނާޒުކު ތިމާވެށި ޙިމާޔަތްކުރުމަށް، ފަރުދީ ފެންވަރުގައި އަޅުގަނޑުމެންނަށް ކުރެވެން ހުރި ކަންކަން ކުރުމަށް ދިވެހި ލޮބުވެތި ރައްޔިތުންނަށް، ވަކިން ޚާއްޞަކޮށް މާލެ ސިޓީގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ." މޭޔަރ ޢާޒިމް ވިދާޅުވިއެވެ.