މާލޭގެ އިރުމަތި ފަރާތުގައި ހަދައިފައިވާ އާޓިފިޝަލް ބީޗުގެ ރޭމްޕް މައްޗަށް އަރައިފައިވާ ވެލިތައް ނަގައި، މާލޭ ސިޓީ ކައުންސިލުން، އެ ސަރަހައްދު ސާފުކޮށްފިއެވެ.
މިއީ އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ކުރިޔަށް ގެންދިޔަ މަސައްކަތެކެވެ.
އާޓިފިޝަލް ބީޗް މަރާމާތުކޮށް ރީތިކޮށް ބެލެހެއްޓުމަކީ، މާލެ ސިޓީ ކައުންސިލުން ވަރަށް ބޮޑަށް އިސްކަންދީގެން ކުރަމުންއަންނަ މަސައްކަތެކެވެ. މީގެ ބޭނުމަކީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ އަދި ރައްކާތެރި މާހައުލެއް ގާއިމްކުރުމެވެ.
މި މަސައްކަތާ ބެހޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، އާޓިފިޝަލް ބީޗަކީ ކުޑަ ކުދިންނާއި ޒުވާނުންގެ އިތުރުން ބަލި މީހުންނާއި ޢުމުރުން ދުވަސްވީ މީހުން، ގިނަ ޢަދަދަކަށް މޫދަށް އެރޭ ތަނެއް ކަމަށެވެ. "އެ ތަނުގެ ރޭމްޕަށް ވެލި އެޅި، ރޭމްޕް ބޭނުން ނުކުރެވުމުގެ ސަބަބުން، ބަލި މީހުންނަށް ގިނަ އުނދަގޫތަކާ ކުރިމަތިވާ ކަމުގެ ޝަކުވާތައް ވަނީ ލިބިފައި،" މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ ފާހާނާ ބަރިތައް ހިމެނޭހެން މުޅި އެ ސަރަހައްދު ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް، މާލޭ ސިޓީ ކައުންސިލުން އަންނަނީ، މެދުނުކެނޑި ކުރަމުންނެވެ. މި ފަދަ މަސައްކަތްތަކުގެ ސަބަބުން ޢާންމު ރައްޔިތުންނަށް މޫދަށް އެރުމާއި ހިތްފަސޭހަ ވަގުތުތަކެއް ހޭދަކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.
