މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް06 ޖޫން 2026


ލޯކަލް މާރުކޭޓްގެ ސީލިންގ މައްޗަށް އަޅައިފައިވާ ކުނިތައް ނަގާ ސާފުކޮށްފި

މާލެ ސިޓީގެ ލޯކަލް މާރުކޭޓްގެ ގޮޅިތައް ހިންގާ ފަރާތްތަކުން، އެ ގޮޅިތަކުގެ ސީލިންގ މައްޗަށް އަޅައިފައިވާ ގިނަ ޢަދަދެއްގެ ކުނިބުނި، މާލެ ސިޓީ ކައުންސިލުން ނަގައި ސާފުކޮށްފިއެވެ.

މި ގޮތުން މާރުކޭޓުގެ ސީލިންގ މަތިން އެކަނި ވެސް ޕިކަޕެއްގެ ކުނި ވަނީ ނަގައިފައެވެ.

ލޯކަލް މާރުކޭޓަކީ، ކޮންމެ ދުވަހަކު ވެސް، ގިނަ ޢަދަދެއްގެ މީހުން ވަދެ ނިކުމެ އުޅޭ، އަދި ކާބޯތަކެތީގެ ވިޔަފާރި ކުރާ މުހިންމު ތަނެކެވެ. އެ ތަނަކީ ސާފު ތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށް ޓަކައި، މާރުކޭޓުގެ ގޮޅިތައް ހިންގާ ފަރާތްތަކުން ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށް ކައުންސިލުން އަބަދު ވެސް އަންނަނީ އިރުޝާދު ދެމުންނެވެ.

ލޯކަލް މާރުކޭޓަކީ، ރާއްޖޭގެ އެކި ރަށްރަށުން ގެންނަ ދިވެހި އުފެއްދުންތަކާއި، ތަރުކާރީ، މޭވާ އަދި ކާބޯތަކެތީގެ ތަފާތު ބާވަތްތައް ވިއްކުމަށް، މާލޭގައި ޚާއްޞަކޮށްފައިވާ މައި ބާޒާރެވެ. އެހެންކަމުން މިފަދަ ތަނަކަށް ކުނި އެޅި ސާފު ތާހިރުކަން ގެއްލިފައި ހުރުމަކީ ޞިއްޙީ ގޮތުން އޮތް ނުރައްކަލެއްގެ ގޮތުގައި، ކައުންސިލުން ފާހަގަކުރެއެވެ.

މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލެ ސިޓީ ސާފުތާހިރުކޮށް ބޭއްވުމަށް ކައުންސިލްގެ މުވައްޒަފުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި މި މަސައްކަތްތަކަށް ޢާންމުންނާއި ވިޔަފާރިވެރިންގެ ފުރިހަމަ އެއްބާރުލުން ދިނުމަށާއި، މާލެއަކީ ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށް އެންމެހައި ފަރާތްތަކުން އެހީތެރިވުމަށް، މޭޔަރ ޢާޒިމްވަނީ އިލްތިމާސްކުރައްވައިފައެވެ.