ފަހަކަށް އައިސް މާލެ ސިޓީ ކައުންސިލްގެ ނަޒަރު އަބަދު ވެސް މިސްކިތްތަކަށް އަމާޒުވެފައި ހުންނަކަން ފާހަގަކުރެއެވެ. މި ބަދަލު އައިސްފައި މި ވަނީ، މިހާރުގެ މޭޔަރ އާދަމް ޢާޒިމް މޭޔަރުކަމާ ޙަވާލުވެވަޑައިގެންނެވި ފަހުންކަން ފާހަގަކުރެވެއެވެ.
މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި، ޖުމްލަ 41 މިސްކިތެއް ހުރިއިރު، އޭގެ ތެރެއިން ތިން މިސްކިތެއްގެ އާބާތުރަ ފިލުވައި ޒީނަތްތެރިކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ވަނީ ނިންމާލެވިފައެވެ. މިއީ، ރަނގަޅު ފެންވަރެއްގައި މިސްކިތްތައް ބެލެހެއްޓުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ޙާޞިލްކުރެވުނު މުހިންމު ކަމެއްގެ ގޮތުގައި ކައުންސިލުން ފާހަގަކުރެއެވެ.
މިސްކިތްތަކުގެ އާބާތުރަ ފިލުވައި ޒީނަތްތެރިކުރުމުގެ އިތުރުން، މިސްކިތްތަކުގެ ފާޚާނާތައް ލަގުޒަރީ ފެންވަރަށް ތަރައްޤީކުރުމަކީ، މޭޔަރު އާދަމް ޢާޒިމް، މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް މަސައްކަތެވެ. މި ބަދަލާއެކު، މިސްކިތްތަކަށްދާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ކައުންސިލުން ބުނި ގޮތުގައި، މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތުކުރުމުގެ މަސައްކަތްތައް ރޭވިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްދާނެއެވެ. މިސްކިތްތަކަށް ދާ މީހުން ހިތްހަމަޖެހޭ ގޮތަށް، މިސްކިތައް ބެހެއްޓުމަށް، ޚާއްޞަ އިސްކަމެއް ދެއްވައިގެން އަބަދު ވެސް މަސައްކަތްކުރަމުން ގެންދާނެ ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.
