މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ހުޅުމާލެ ކޮމިއުނިޓީ އެލަޔަންސް (އެޗްސީއޭ) އިން އިސްނަގައިގެން ބޭއްވި ދިވެހި ރުއް އިންދުމުގެ، ޤައުމީ ހަރަކާތުގައި މާލެ ސިޓީ ކައުންސިލުން ބައިވެރިވެއްޖެއެވެ.
ހުޅުމާލެ ފޭސް 2 ގައި އިއްޔެ ހަވީރު އޮތް މި ހަރަކާތަކީ، ދުނިޔޭގެ އެންވާޔަރަމަންޓް ޖަމިއްޔާގައި ރަޖިސްޓްރީ ކުރެވިގެން ކުރިއަށްގެންދާ ބައިނަލްއަގުވާމީ ފެންވަރުގެ ހަރަކާތެކެވެ.
މި ހަރަކާތުގައި، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމާއި ޑެޕިއުޓީ މޭޔަރ މީކާއީލް މުޙައްމަދު ރިޔާޟް ގެ އިތުރުން، ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ޣާލިބާއި ހުޅުމާލެ މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ސަނީހް ޙަނީފާއި ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ހަރަކާތަކީ ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ސަރުކާރުގެ އެކި ވުޒާރާތަކާއި މުއައްސަސާތައް ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. އެ ގޮތުން އެންވާޔަރަންމަންޓް މިނިސްޓްރީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީ އާއި "5 މިލިއަން ގަސް" ޕްރޮޖެކްޓް ކޮމެޓީން ވެސް، މި ހަރަކާތުގައި ޢަމަލީގޮތުން ބައިވެރިވެފައިވެއެވެ.
މީގެ އިތުރުން، ހުޅުމާލޭގެ 5 ސްކޫލެއްގެ ދަރިވަރުންނާއި، ގާލްގައިޑް އެސޯސިއޭޝަނާއި މޯލްޑިވްސް ސްކައުޓް އެސޯސިއޭޝަންގެ މެންބަރުން މި ހަރަކާތުގައި ބައިވެރިވިއެވެ. މިއީ ޒުވާން ޖީލުގެ މެދުގައި، ތިމާވެށްޓަށް އޮންނަ ލޯބި އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ އެކި މުއައްސަސާތަކުގެ އެއްބާރުލުން ވެސް މި ހަރަކާތަށް ލިބިފައިވެއެވެ. އޭގެ ތެރޭގައި އެޗްޑީސީ، ވެމްކޯ، އެގްރޯ ނެޓް، އުރީދޫ މޯލްޑިވްސް، އެޗް78، ބޮނަކުއާ، ޓާސްކިން އަދި މޯލްޑިވްސް ޕޮލިސް ސާވިސް ހިމެނެއެވެ.
