ރާއްޖޭގެ ހިތްގައިމު ވިލުތަކާއި މަސްމަހާމެހިން މުއްސަނދިވެފައިވާ ނޫ ކަނޑުތައް ޙިމާޔަތްކޮށް، ރައްކާތެރިކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ކޮންމެ ރައްޔިތަކުވެސް މަސައްކަތްކުރުމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ގޮވާލައްވައިފިއެވެ.
މޭޔަރ ޢާޒިމް މިކަމަށް ގޮވާލެއްވީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ކަނޑުތަކުގެ ދުވަހާ ގުޅިގެން އެމަނިކުފާނުގެ އަމިއްލަފުޅު އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ ބައިނަލްއަގުވާމީ ކަނޑުގެ ދުވަހަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ދިވެހިންނާ ގުޅިލާމެހިފައިވާ ދުވަހެއް ކަމަށެވެ.
ރާއްޖޭގެ ޖުމްލަ ސަރަޙައްދުގެ 99 އިންސައްތައަކީ ކަނޑާއި ފަޅުގެ ސަރަޙައްދުކަން ފާހަގަކުރައްވަމުން މޭޔަރ ޢާޒިމް ވިދާޅުވީ، ދިވެހިންގެ ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަން ބިނާވެފައިވަނީ ކަނޑުފަޅާ ގުޅިފައިވާ އެކި ކަންކަމުގެ މައްޗަށް ކަމަށެވެ. އެގޮތުން ދިވެހި އިޤުތިޞާދާއި، ދަތުރުފަތުރާއި، މުނިފޫހިފިލުވުމުގެ އިތުރުން ބޭރުގެ ފަތުރުވެރިންގެ މެދުގައި ރާއްޖެ މަޤުބޫލުވުންވެސް ގުޅިފައިވަނީ ކަނޑުފަޅާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މޭޔަރ ޢާޒިމް އިތުރަށް ވިދާޅުވީ ޤުދުރަތުން ދެއްވާފައިވާ ރީތި މުރަކައިގެ ބަގީޗާތަކާއި، ބަލައި ފޫހިވުމެއްނެތް ހިތްގައިމު ވިލުތައް ރައްކާތެރިކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ. މި މުއްސަނދިކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ކޮންމެ ރައްޔިތަކުވެސް ފަރުދީ ގޮތުން މަސައްކަތްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
ކަނޑުގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޕޯސްޓް ނިންމަވާލައްވަމުން މޭޔަރ ޢާޒިމް ވަނީ ކަނޑުގެ ހިތްގައިމުކަމާ ގުޅޭ ޅެން ބައިތެއްވެސް ހިއްސާކުރައްވާފައެވެ. "މޫދާ ވިލުގެ ޗާލޫކަމޭ ބޯދޭ ފަރާތްތައް ގިނަކަމޭ، ހޯދަން އުފާ އެ ތަނަށް ފުމޭ ޖާދޫގެ ސާޙިލްގައި ވުމީ" މި ބައިތުން ރާއްޖޭގެ ކަނޑުފަޅުތަކުގެ ރީތިކަމާއި އޭގެ މުހިންމުކަން ވަނީ ސިފަކޮށްދެއްވާފައެވެ.
