މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން، ހުސްވި މޭއި މަހުގެ 31 އިން މި ހިނގާ ޖޫން މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 745 މައްސަލަ ބަލައިފި އެވެ.
ކައުންސިލުން "ވީކްލީ ސްޓެޓިސްޓިކްސް"ގެ ނަމުގައި ނެރޭ ހަފްތާ ރިޕޯޓްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި ޖުމްލަ 470 މައްސަލަ ބަލައި ނިންމާފައިވާއިރު، އިތުރަށް ބަލަމުންނާ 221 މައްސަލައިގެ އިތުރުން ޖޫރިމަނާ ކުރެވިފައިވާ 5 މައްސަލަ އެވެ.
މި ހަފްތާގެ ތެރޭގައި އެންމެ ގިނައިން އެޓެންޑްކޮށްފައި ވަނީ އާންމު ރައްކާތެރިކަމާ ގުޅޭ މައްސަލަތަކަށެވެ. އެގޮތުން ފާހަގަ ކުރެވިފައިވަނީ މިސްކިތްތަކާއި މައިޒާން އަދި ޕާކްތައް ބަލައި ޗެކްކުރުމުގެ 303 މައްސަލަ އެވެ.
ދެ ވަނައަށް އެންމެ ގިނައިން އެޓެންޑްކޮށްފައި ވަނީ ކުނިމެނޭޖް ކުރުމާ ގުޅޭ މައްސަލަތަކަށެވެ. އެއީ މަގުތަކާއި ގޯޅިތަކާއި ހުސް ބިން އަދި ފަޅުތެރެއަށް ކުނިއެޅުމުގެ 256 މައްސަލަ އެވެ.
ތިން ވަނައަށް އެންމެ ގިނައިން ރިޕޯޓްކުރެވިފައި ވަނީ މަގު ނުވަތަ ޕޭމަންޓް މަތީގައި ޤަވާއިދާ ހިލާފަށް ޕެލެޓާއި ފޮށިގަނޑާއި އެހެނިހެން ސާމާނު ބެހެއްޓުން ނުވަތަ ޖަމާކުރުމާ ގުޅޭ ގޮތުން ފާހަގަވި 49 މައްސަލައެވެ.
ޖުމްލަ އަށް ދާއިރާއެއް ހިމެނޭ ގޮތަށް ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން ތައްޔާރުކޮށްފައިވާ މި ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ކުނި މެނޭޖްކުރުމާ ގުޅޭ މައްސަލަތަކާއި، އާންމު އިޖްތިމާއީ މިންގަނޑާ ހިލާފު ކަންކަމާ ގުޅޭ މައްސަލަތަކާއި، ޤަވާއިދާ ހިލާފަށް ހިންގާ ކަންކަން ހިމެނެ އެވެ.
