ކައުންސިލްތަކުން ބާއްވަން ޤާނޫނުން ލާޒިމްކުރާ، ރައްޔިތުންގެ ބައްދަލުވުންތަކުގެ ތެރެއިން، މިއަހަރުގެ ދެވަނަ ބައްދަލުވުން އަންނަ، ޖުލައި މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މި ގޮތަށް ނިންމާފައިވަނީ، މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 3 ވަނަ ރަސްމީ ޢާއްމު ޖަލްސާގައެވެ.
މިއަދު ބޭއްވި ކައުންސިލްގެ ޖަލްސާގައި މި ނިންމުން ނިންމާފައިވަނީ، ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި 17 މެމްބަރުންގެ އިއްތިފާގުންނެވެ. މި ބައްދަލުވުމަކީ ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށާއި ރައްޔިތުންގެ ޚިޔާލު ހޯދުމަށް، ލާމަރުކަޒީ ޤާނޫނުން ލާޒިމްކޮށްފައިވާތީ ބާއްވަންޖެހޭ މުހިންމު ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި، މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ޓަކައި، ވޭތުވެދިޔަ 2025 ވަނަ އަހަރު ކައުންސިލުން ކުރި މަސައްކަތްތަކާއި، މި ހިނގާ 2026 ވަނަ އަހަރު ކުރުމަށް ރާވާފައިވާ ކަންކަމާ ގުޅޭ ވީޑިއޯ ރިޕޯޓެއް ދައްކާނެއެވެ. މީގެ އިތުރުން، މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް، މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވާނެއެވެ.
މާލެ ސިޓީ ކައުންސިލުން ފާހަގަކުރި ގޮތުގައި، ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން މި ސިޓީގައި ދިރިއުޅޭ އިރު، އެ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ތަފާތު ޚިދުމަތްތައް ފޯރުކޮށްދިނުމަކީ، ޤާނޫނުން އެ ކައުންސިލަށް ލާޒިމްކޮށްފައިވާ ކަމެކެވެ. އެހެންކަމުން، ކައުންސިލުން ކުރަމުންދާ، ގޮންޖެހުން ބޮޑު މަސައްކަތް، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ، ގާތުން ހޯދުމަކީ ކައުންސިލްގެ މައިގަނޑު އެއް އަމާޒެވެ.
ޖުލައި 9 ގައި ބާއްވާ މި ބައްދަލުވުމުގައި ރައްޔިތުންގެ ޝަކުވާތަކާއި ޚިޔާލުތައް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލެވޭނެއެވެ. މިއީ ސިޓީ ކައުންސިލްގެ މަސައްކަތްތައް، ދެފުށް ފެންނަ، ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ކައުންސިލުން ދެކެއެވެ.
މިއަހަރުގެ ރައްޔިތުންގެ ބައްދަލުވުމުގެ ، ފުރަތަމަ ބައްދަލުވުން ބާއްވައިފައި ވަނީ މާލެ ސިޓީ ހޯލުގައެވެ.
