މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 10 ޖޫން 2026


މާލެއާއި ވިލިމާލެ ފަޅުގައި ޤަވާޢިދާ ޚިލާފަށް އަޅައިފައި އޮތް 20 އުޅަނދެއް ޖޫރިމަނާކޮށްފި

މާލެ އާއި ވިލިމާލެ ފަޅުތެރޭގައި، ހުއްދަ ނުނަގައި ޤަވާޢިދާ ޚިލާފަށް އަޅައިފައި އޮތް 20 އުޅަނދެއް، މާލެ ސިޓީ ކައުންސިލުން ޖޫރިމަނާކޮށްފިއެވެ.

މި އުޅަނދުތަކަކީ، ފަޅުތެރެ އެންމެ އެދެވޭ ގޮތުގައި ބޭނުންކުރުމަށް މަގުފަހިކުރުމަށާއި، ޢާންމު އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރޭތޯ ބެލުމަށް ކުރެވުނު މަސައްކަތުގެތެރެއިން ފާހަގަކުރެވުނު އުޅަނދުތަކެވެ.

މާލެ ސިޓީ ކައުންސިލްގެ ހާބަރ އެންޑް މެނޭޖްމަންޓް ސެކްޝަނުން ކުރިއަށް ގެންދިޔަ މި މަސައްކަތުގައި، ވިލިމާލެ ފުލުހުންގެ ޔުނިޓުގެ ވަރަށް ބޮޑު އެހީތެރިކަމެއް ވަނީ ލިބިފައެވެ.

މި ހަރަކާތުގެ ތެރެއިން ވިލިމާލެ ފަޅުތެރެ ޗެކްކޮށް، ބެލިއިރު، ހުއްދަ ނުނަގައި އަޅައިފައި އޮތް 17 އުޅަނދެއްގައި ވަނީ ސްޓިކާ ޖަހައި ޖޫރިމަނާކޮށްފައެވެ.

މީގެ އިތުރުން، މާލެ ސިޓީގެ ވިލިމާލެ ފެރީގެ ނިޒާމަށް ދަތިވާގޮތަށް މާލެ ދެކުނު ހާބަރު (ސުނާމީ ބިނާ ސަރަހައްދު) ގައި ޤަވާޢިދާ ޚިލާފަށްއަޅައިފައި އޮތް ތިން އުޅަނދެއް ވެސް ވަނީ ޖޫރިމަނާކޮށްފައެވެ. މި އުޅަނދުތަކުގެ ސަބަބުން ފެރީ ދަތުރުތަކަށް ބުރޫއަރަމުންދާ ކަމުގެ ޝަކުވާ ވަނީ ލިބިފައެވެ.

މާލެ ސިޓީ ކައުންސިލުން ދަނީ ފަޅުތެރޭގެ ތަރުތީބު ހިފެހެއްޓުމަށާއި، ޤަވާޢިދާ ޚިލާފަށް އުޅަނދު ފަހަރު އެޅުން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ފަދަ އޮޕަރޭޝަންތަކަކީ ދޭތެރެ ދޭތެރެއިން ކައުންސިލުން ކުރިއަށް ގެންދާ ކަންކަމެވެ.