މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 11 ޖޫން 2026


އާޓިފިޝަލް ބީޗުގައި ރޭގަނޑު 12:00 ގެ ފަހުން އަޑުގަދަ ކުރާނަމަ ހައްލެއް ހޯދުމަށް މަޝްވަރާކޮށްފި

މާލޭގެ އާޓިފިޝަލް ބީޗުގައި ބާއްވާ އެކި ހަރަކާތްތަކުގައި އަޑުގަދަވުމުގެ ސަބަބުން، އާންމު ރައްޔިތުންނަށް އުނދަގޫވަމުންދާ މައްސަލައާގުޅޭގޮތުން، މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 3 ވަނަ ރަސްމީ ޢާއްމު ޖަލްސާގައި މަޝްވަރާކޮށްފިއެވެ.

މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ، ރޭގަނޑު 12:00 ގެ ފަހުން އަޑު ގަދަވުން ހުއްޓުވުމަށާއި، ޢާންމުންނަށް އުނދަގޫ ނުވާނެ ގޮތަކަށް އުސޫލުތައް ކަނޑައެޅުމަށެވެ.

މި މައްސަލައާ ގުޅޭގޮތުން މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، އާޓިފިޝަލް ބީޗު ނޫނަސް، ޢާންމު އެއްވެސް ތަނެއްގައި، ރޭގަނޑު 12:00 ގެ ފަހުން އަޑުގަދަކުރާ ނަމަ އެ ކަން ހުއްޓުވަން ޖެހޭކަމަށެވެ. އަދި އިވެންޓް ބާއްވާ ފަރާތްތަކުން، އަޑުގެ ކޮންޓްރޯލް ބަހައްޓަން ޖެހޭ މިންވަރާއި ގަޑިތައް ކަނޑައެޅިދާނެ ކަމަށް މޭޔަރ ވިދާޅުވިއެވެ. މިއީ ކުޑަ ކުދިންނާއި މުސްކުޅިން އަދި ކިޔަވާ ކުދިންނަށް އުނދަގޫވާ ކަމެއްކަން، މޭޔަރ ޢާޒިމްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

މި ކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން، މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް ލަބާން ޝަރީފް ވިދާޅުވީ، ރޭގަނޑު ވަކި ވަގުތެއް ކަނޑައަޅައި އަޑު މަޑުކުރަން އެންގުން މުހިންމު ކަމަށާއި، ރޭގަނޑު ގަޑީގައި މަސައްކަތް ކުރާއިރު ވެސް، މީހުންނަށް އުނދަގޫ ނުވާނެ މިންވަރަކަށް އަޑު ބަހައްޓަންޖެހޭކަމަށެވެ.

މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ޙުސައިން ފުރުޝާން ވިދާޅުވީ، މިހާރު ވެސް އަޑުގަދަކުރުމާ ގުޅޭ ގާނޫނެއް އޮންނަ ކަމަށާއި، ރޭގަނޑު 12:00 ޖަހަންދެން އަޑުގަދަކުރާ ބޭނުންކުރެވޭ ކަމަށެވެ. ނަމަވެސް އޭގެ މާނައަކީ ކައިރީގައި އުޅޭ މީހުންނަށް އުނދަގޫވާ ވަރަށް އަޑުގަދަކޮށް ކަންކަން ކުރުން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގައި އިވެންޓްތައް ބާއްވާނެ ގިނަ ތަންތަން ނެތްކަން ފާހަގަކުރައްވަމުން، އާޓިފިޝަލް ބީޗު ފަދަ ހާމަ ތަނެއްގައި އިވެންޓް ބާއްވާއިރު ކޮންމެވެސް ވަރަކަށް އަޑު ހުންނާނެ ކަމަށް ވެސް ފުރުޝާން ވިދާޅުވިއެވެ.

އެއްވެސް ކަމަކާ ގުޅިގެން ރޭގަނޑު 12:00 ގެ ފަހުން، އަޑުގަދަކުރާ ބޭނުންކުރާ ނަމަ އަޑު މަޑުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މިއަދުގެ ޖަލްސާގައި މަޝްވަރާކޮށް ނިންމިއެވެ. ގާނޫނީ ގޮތުން މިހާރު ވެސް މަނާ ކަމަކަށް ނުވިޔަސް، ޢާންމުންނަށް ކުރިމަތިވާ އުނދަގޫތައް ކުޑަކުރުމަށް ޓަކައި، މިހާރު އޮތް މިންވަރަށް ވުރެ ބޮޑަށް އަޑު ގަދަކުރުމުގެ ފުރުސަތު ނުދިނުމަށް، ފުރުޝާން ވަނީ މިއަދުގެ ޖަލްސާގައި ލަފާދެއްވައިފައެވެ.

މީގެ އިތުރުން މިކަމާ ގުޅޭ ގޮތުން ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު އައިޝަތު ނާޒިމާ އާއި ހެންވޭރު އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ލައިޒާ މާފަންނު މެދުދާއިރާގެ ކައުންސިލަރު ޢާއިޝަތު ހަނާ އާއި ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު އިސްމާޢީލް ހަލީމް އަދި ވިލިމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ސަމާޙް ވެސް ވަނީ ވާހަކަފުޅުދެއްކެވިއެވެ.

އާޓިފިޝަލް ބީޗުގައި އަޑުގަދަވާ މައްސަލައަށް ހައްލެއް ހޯދުމަށް ކުރިއަށް އޮތް ކައުންސިލް ޖަލްސާގައި ގޮތެއް ނިންމުމަށް ވަނީ ނިންމާފައެވެ.