މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 11 ޖޫން 2026


މަސްޖިދުލް ސުލްޠާނުލް ޢާދިލްގެ ސައުންޑް ސިސްޓަމްގެ ކޭބަލެއް ވަގަށް ނަގައިފި

މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ، މަސްޖިދުލް ސުލްޠާނުލް ޢާދިލް (ޢާދިލް މިސްކިތް) ގެ ސައުންޑް ސިސްޓަމަށް ބޭނުންކުރާ 50 ފޫޓުގެ ކަރަންޓް ކޭބަލެއް، ރޭގެ ވަގުތެއްގައި ވަގަށް ނަގައިފިއެވެ.

މި ހާދިސާއާ ގުޅިގެން މިސްކިތުގެ އަޑުގަދަކުރާ ނިޒާމަށް ވަނީ ބުރޫއަރައިފައެވެ. އެ ގޮތުން ރޭ ގެ ފަތިސް ނަމާދު ކޮށްފައިވަނީ ސައުންޑަކާ ނުލައެވެ. އެހެން ނަމަވެސް މެންދުރު ނަމާދަށް ބަންގި ގޮވުމުގެ ކުރިން، ކޭބަލް އަލުން އެޅުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މި ވައްކަމުގެ މައްސަލަ މިހާރު ވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ރިޕޯޓްކޮށްފައެވެ.

މާލެ ސިޓީ ކައުންސިލުން ބަލަހައްޓަމުންދާ ޖުމްލަ 41 މިސްކިތެއް، މާލެ ސަރަހައްދުގައި ހުންނައިރު، މިސްކިތްތަކުން ވައްކަން ކުރުމަކީ ދޭތެރެ ދޭތެރެއިން ފާހަގަކުރެވޭ ބޮޑު މައްސަލައެކެވެ.

މި ކަމާ ގުޅިގެން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވަނީ، ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ޢާޒިމް ވިދާޅުވީ "މިސްކިތްތަކުން ވައްކަން ކުރުމަކީ ވަރަށް ނާތަހުޒީބު ޢަމަލެއް" ކަމަށެވެ. އަދި މި ފަދަ ޢަމަލުތައް ހިންގާ ފަރާތްތައް ހޯދައި، އެ ފަރާތްތަކަށް ގާނޫނީ ގޮތުން ދޭންޖެހޭ ހައްޤު އަދަބު ދޭންޖެހޭނެ ކަމަށް ވެސް، މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މިސްކިތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކައުންސިލުން މަސައްކަތް ކުރަމުންދާއިރު، މި ފަދަ ކަންކަމުގެ ސަބަބުން މިސްކިތްތަކުން ދޭ ޚިދުމަތްތަކަށް ބުރޫއަރައި، ކައުންސިލަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.