ޗައިނާ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ބުރާސްފަތި ދުވަހު މާލެ ސިޓީ ކައުންސިލްގެ އިދާރާގައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލެ ސިޓީގެ މޭޔަރު ކަމުގެ މަޤާމާ ހަވާލުވެވަޑައިގެން މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި މާލެ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރެއްވުމަށް ޓަކައި ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވައިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިތުރު ކަންކަން ކުރުމަށް ޕްލޭން ކުރެވިފައިވާ ކަމަށް މޭޔަރ ފާހަގަކުރެއްވިއެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ އެ މަނިކުފާނުގެ މޭޔަރުކަމުގެ މި ދައުރު ނިންމަވާލައްވާއިރު، މިހާރަށް ވުރެ އަމާން، ހުރިހައި ގޮތަކުން ވެސް ދިރިއުޅެން ފަސޭހަ ސިޓީއަކަށް މާލެ ސިޓީ ހެއްދެވުމުގެ ތަޞަވުރެއް ގެންގުޅުއްވާ ކަމަށެވެ. މި ތަޞައްވުރު ޙަޤީޤަތަކަށް ހެއްދެވުމަށް ކުރައްވާ މަސައްކަތްޕުޅަށް ކުރިމަތިވެވަޑައިގެންފައިވާ ދަތިތަކެއް ހުރިކަން މޭޔަރ ފާހަގަކުރެއްވިއެވެ. މި ގޮތުން ކުރިމަތިވެވަޑައިގެންފައިވާ އެންމެ ބޮޑު ދައްޗަކީ، މުއައްޒަފުންގެ ދަތިކަން ކަމަށް ވާތީ، އެ ކަން ހައްލުކުރެއްވުމުގެ މަސައްކަތްޕުޅު ވެސް ފައްޓަވައިފައިވާކަން މޭޔަރ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ތަރައްޤީގެ މައިގަނޑު ބޮޑެތި މަޝްރޫޢުތަކަށް އެހީތެރިވެދީ، ރާއްޖޭގެ ކުރިއެރުމުގައި ޗައިނާ ސަރުކާރުން އަދާކުރާ މުހިންމު ދައުރަށް ޓަކައި، މޭޔަރ ޢާޒިމް ވަނީ ޝުކުރު އަދާކުރައްވައިފައެވެ. ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން މޭޔަރ ވިދާޅުވީ، މި ގުޅުމުގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގައި ވެސް ދެ ޤައުމަށް ފާގަތިކަމާއި އިތުބާރު ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މި ބައްދަލުވުމުގައި ޗައިނާގެ ސަފީރު ކޮންގް ޒިއަންހުއާ ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި މާލެ ސިޓީ ކައުންސިލާއެކު އޮތް ގުޅުން އިހަށްވުރެ ބޮޑަށް ބަދަހިކުރައްވާނެ ކަމަށެވެ. އަދި ކައުންސިލުން ކުރިއަށްގެންދާ އެކިއެކި މަސައްކަތްތަކަށް ދެވެން އޮތް ހުރިހައި އެއްބާރުލެއްވުމެއް ދެއްވާނެ ކަމުގެ ޔަގީންކަން ސަފީރު ދެއްވިއެވެ.
މި ބައްދަލުވުމުގައި މޭޔަރ ޢާޒިމްގެ އިތުރުން، މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މީކާއީލް މުހައްމަދު ރިޔާޟް އާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުލް މުހައިމިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
