ލެޔަކީ އިންސާނަކު ދިރިހުރުމަށް ބޭނުންވާ އެންމެ އަސާސީ އެއް މާއްދާ ކަމަށް ވާތީ، ލޭ ދެވެން އޮތް ކޮންމެ ފަރުދަކު ވެސް ލޭ ހަދިޔާކުރުމަށް، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފިއެވެ.
މޭޔަރ މި ކަމަށް އިލްތިމާސް ކުރެއްވީ، މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ލޭ ހަދިޔާ ކުރާ ދުވަހުގެ މުނާސަބަތުގައި، އެ މަނިކުފާންގެ އަމިއްލަފުޅު އެކްސް އެކައުންޓުގައި ޝާއިޢު ކުރެއްވި މެސެޖެއްގައެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، ދުނިޔޭގެ ލޭ ހަދިޔާ ކުރާ ދުވަހަކީ ވަރަށް ގިނަ ގޮތްގޮތުން ދިވެހިރާއްޖެއަށް މުހިއްމު ދުވަހެއް ކަމަށެވެ. މީގެ މައިގަނޑު ސަބަބަކީ ރާއްޖެއަކީ، އާބާދީގެ ނިސްބަތުން ލޭ އަޅާ ބަލި، ނުވަތަ ތެލެސީމިޔާ ހުރި ކުދިން ގިނަ ޤައުމަކަށް ވުން ކަމުގައި މޭޔަރ ފާހަގަކުރެއްވިއެވެ.
ލޭ ހޯދުމަށް، ތެލެސީމިޔާ ކުދިންގެ ބެލެނިވެރިން އުފުލަމުންދާ ތަކުލީފުތަކަށް އަލިއަޅުއްވާލައްވަމުން މޭޔަރ ވިދާޅުވީ، "ތެލެސީމިޔާ ހުރި ކުއްޖެއްގެ ބެލެނިވެރިއަކު، ދަރިފުޅުގެ ދިރިހުރުމަށް ޓަކައި ލޭހޯދަން ކުރާ މަސައްކަތާއި އެކަމަށް ޓަކައި އުފުލާ ތަކުލީފާއި އެކަމާމެދު ފިކުރުކޮށް ހިތުގައި އަޅާ ވޭނަކީ، އެ ކަން ތަޙައްމަލް ނުކުރާ މީހަކަށް ތަޞައްވުރު ކުރެވޭނެ ކަމެއް ނޫން" ކަމަށެވެ.
އެހެންކަމުން، ލޭ ބޭނުންވެގެން އާދޭސް ކުރާ ލޮބުވެތި ރައްޔިތުންގެ ކެކުޅުމާއި ވޭނަށް ލުޔެއް ދިނުމަށް އެހީތެރިވުމަށް، އިޚުލާޞްތެރިކަމާއި އެޙުސާންތެރިކަމާއެކު އިޖާބަދީ، ލޭ ހަދިޔާކުރުމަށް މޭޔަރ އާދަމް ޢާޒިމް ވަނީ ހުރިހައި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
