މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 14 ޖޫން 2026


މާލެ ސިޓީގެ މޭޔަރ ޓްރެފިކް ޕޮލިހުގެ އިސްވެރިންނާ ބައްދަލު ކުރައްވައިފި

މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް، ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓް (ޓްރެފިކް ޕޮލިސް)ގެ އިސްވެރިންނާ ބައްދަލު ކުރައްވައިފިއެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި، މާލެ ސިޓީގެ މޭޔަރގެ އިތުރުން ޑެޕިއުޓީ މޭޔަރ މީކާއިލް މުޙައްމަދު ރިޔާޟް އަދި ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓް ވެރިޔާ، ޝަމްހޫޒާ އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މާލެ ސިޓީއަށް ދިމާވެފައިވާ ޓްރެފިކް މައްސަލަތައް ހޯދައި އެ މައްސަލަތަކަށް ހައްލު ހޯދުމަށް، ފުލުހުންނާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ. އެ ގޮތުން، މާލެ ސިޓީގެ ޢާންމު ދަތުރުފަތުރުތަކަށް ދިމާވާ ދަތިތަކާއި، މަގުމަތީގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމާއި، ޕާކިން މައްސަލަތަކުގެ އިތުރުން ޤަވާޢާދުތައް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލެ ސިޓީގެ ޓްރެފިކްގެ މައްސަލައަކީ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެއް ކަމަށާއި، މި މައްސަލަ ހައްލުކުރުމަށް މާލެ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ. އެ ގޮތުން މޭޔަރ ޢާޒިމް ވަނީ، މިހާރު މާލެ އަށް ދިމާވެފަވާ ޓްރެފިކް މައްސަލަތާކާއި، އެ މައްސަލަތައް ހައްލުކުރުމަށް ފުލުހުންގެ އިދާރާއިން މާލެ ސީޓީ ކައުންސިލާއި ގުޅިގެން ކުރެވިދާނެ ކަންކަން ޕްރޮޕޯޒަލް އެއްގެ ސިފައިގައި ކައުންސިލަށް ހުށަހެޅުމަށް އެދިވަޑައިގެންނެވިއެވެ. އަދި އެ ޕްރޮޕޯޒަލްގައި ހިމެނޭ ކަންކަމާ ގުޅޭ ގޮތުން ކައުންސިލުންގެ ބައްދަލުވުން ތަކުގައި މަޝްވަރާކޮށް ކައުންސިލަރުންނާއި ގުޅިގެން މި ދައުރުގައި އެދެވޭ ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެ ކަމަށް ވެސް މޭޔަރ ވިދާޅުވެފައެވެ.

މާލޭގެ ޓްރެފިކް މައްސަލައަކީ މާލޭގައި ދިރިއުޅޭ މީހުންގެ އިތުރުން މާލެއަށް ޒިޔާރަތް ކުރާ ކޮންމެ މީހަކަށްމެ މިކަމުގެ އުނދަގޫ ވަރަށް ބޮޑަށް ފޯރާ ކަމެކެވެ. އެހެންކަމުން މި މައްސަލައަށް ހައްލު ހޯދުމަށް މޭޔަރ ޢާޒިމް ގެންދަވަނީ، ސަރުކާރާއި ކަމާބެހޭ އިދާރާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެ ގޮތުން ނިމިދިޔަ ދައުރުގައި މޭޔަރ ޢާޒިމްގެ އިރުޝާދުގެ ދަށުން މާލެއަށް އެންމެ ގިނަވެގެން އެތެރެކުރެވޭނެ އުޅަނދުގެ ޢަދަދުގެ ދިރާސާއެއް ވެސް ވަނީ ހައްދަވައިފައެވެ. އަދި މާލޭގެ ގިނަ ސަރަހައްދު ތަކެއްގައި ޕާކިން ޒޯންތައް ތަރައްޤީކޮށް، މަގުތަކުގައި ހިނގާ މީހުންނަށާއި ދުއްވާ މީހުންނަށް ފަސޭހަވާނެ ގިނަ ކަންތައްތަކެއް ވަނީ ކުރައްވައިފައެވެ.