މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް14 ޖޫން 2026


ސިވިލް ސަރވިސް ކޮންފަރެންސްގައި މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ބައިވެރިވެވަޑައިގެންފި

ސިވިލް ސަރވިސްގެ މަސައްކަތްތައް ރޭވިފައިވާ ގޮތްތައް ދިރާސާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ބާއްވާ 5 ވަނަ "ސިވިލް ސަރވިސް ކޮންފަރެންސް" ގައި މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ބައިވެރިވެވަޑައިގެންފިއެވެ.

މި ކޮންފަރެންސްގައި މޭޔަރ ޢާޒިމްގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުލް މުޙައިމިން ނަސީރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަހަރުގެ ކޮންފަރެންސަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ކުރިމަގަށް ތައްޔާރުވެފައިވާ އިޖާބަދޭ ހިންގުންތެރިކަމެއް - މީހުން ބާރުވެރިކުރުވައި، ހަލުވިކަމާއެކު ޚިދުމަތްތައް ހަރުދަނާކުރުން" މިއެވެ. މި ޝިޢާރުގެ ދަށުން ޚިދުމަތްތައް އަވަސްކުރުމާއި، މުވައްޒަފުންގެ ހުނަރު އިތުރުކުރުމަށް ބާރުއަޅާނެއެވެ.

މި ކޮންފަރެންސްގައި ސިވިލް ސަރވިސްގެ އެކި އިދާރާތަކުގެ އިސް މުވައްޒަފުންނާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ އިތުރުން ސިޓީ އަދި ރަށު ކައުންސިލްތަކުން ޖުމުލަ 350 މީހުން ބައިވެރިވެއެވެ. މީގެ ތެރޭގައި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި އިދާރީ ހިންގުންތެރިން ހިމެނެއެވެ.

މި ކޮންފަރެންސްގައި މަޝްވަރާކުރެވޭ ކަންކަމާއި އަދި ހުށަހެޅޭ ދިރާސާ ކަރުދާސްތަކުން ފާހަގަކުރެވޭ ކަންކަމަށް ރިޢާޔަތްކޮށް، ސިވިލް ސަރވިސް ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އިސްކަން ދެއެވެ.