މާލެ ސިޓީ ކައުންސިލުން ޝެރެޓް ސްޓޫޑިއޯ އާ ހަވާލުކޮށްގެން ކުރިއަށްގެންދާ "ރީތިންކް މާލެ ސިޓީ" (Rethink Malé City) މަޝްރޫއުގެ ދަށުން، މާލޭގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތްތައް އަލަށް އިންތިހާބުވެވަޑައިގެންނެވި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މެމްބަރުންނާ ހިއްސާކޮށްފިއެވެ.
މާލޭގެ މުސްތަޤްބަލް ބައްޓަން ކުރުމުގެ މި މުހިންމު މަޝްރޫއުގެ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ސެޝަން ކުރިއަށްދިޔައީ މީރުމާ ހޮޓަލުގައެވެ. މި ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމާއި، ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ސިޓީ ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫއާ ގުޅޭގޮތުން ވާހަކަދފުޅުދައްކަވަމުން މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، މިއީ ހަމައެކަނި ކައުންސިލުން އެކުލަވާލާ ޕްލޭނެއް ނޫން ކަމަށާއި، މިއީ މާލޭގެ ހުރިހާ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ މުހިންމު މަސައްކަތެއް ކަމަށެވެ. "125،000 އަށްވުރެ ގިނަ އުޅަނދު ދުއްވާ މި ކުޑަ ސިޓީއަށް ހުށަހެޅިފައިވާ އިސްލާހުތަކަކީ މިހާރުން މިހާރަށް ބޭނުންތެރި ކަންތައްތަކެއް،" މޭޔަރު ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތް ކާމިޔާބުކުރުމުގައި ޢާންމު ރައްޔިތުންނާއި އަމިއްލަ މުއައްސަސާތަކުގެ އެއްބާރުލުން ނުހަނު ބޭނުންވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، މިއީ ދުނިޔޭގެ ނިސްބަތުން އެންމެ ތޮއްޖެހިފައިވާ އަދި ތިމާވެށީގެ ގޮންޖެހުންތައް ބޮޑު އެއް ސިޓީގެ ގޮތުގައި އޮތް މާލެއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް ފަރުމާކުރެވިފައިވާ ފުރިހަމަ މަސައްކަތެއް ކަމަށެވެ. މި މަޝްރޫއުގެ ދަށުން ކުރިއަށްގެންދިޔަ ސާވޭތަކުގެ ނަތީޖާއަށް ބަލާއިރު، މާލޭގެ ރައްޔިތުން އެންމެ ބޮޑަށް އެދެނީ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ހިތްފަސޭހަ ފެހި މައިދާންތައް އިތުރުކުރުމަށް ކަން ރައީސް ނަޝިދު ވަނީ ފާހަގަކުރައްވައިފައެވެ.
މި އިސްތިރާޖީ ޕްލޭން ބިނާވެފައިވަނީ ތިމާވެށި، އިގްތިސާދު އަދި އިޖުތިމާޢީ ދާއިރާއާ ގުޅޭ 7 މުހިންމު ކަމެއްގެ މައްޗަށެވެ.
އެގޮތުން އެކަންކަމަކީ:
1. ދުވެލި ހަލުވި ސިޓީއެއް (A City That Moves): އަމިއްލަ އުޅަނދުތަކަށް ބަރޯސާވުން ކުޑަކޮށް، އާންމު ދަތުރުފަތުރާއި ހިނގައިފައި އުޅޭ މީހުންނަށް އިސްކަންދިނުން.
2. ހިތްފަސޭހަ ފެހި ސިޓީއެއް (A City That Is Cool): ގަސް އިންދުން އިތުރުކޮށް، ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ހޯދައި، ހޫނުމިން ކުޑަކުރުން.
3. ބަދަލުތަކަށް އިޖާބަދޭ ސިޓީއެއް (A City That Is Adaptable): މީހުން ދިރިއުޅޭ ސަރަހައްދުތަކާ ނުގުޅޭ ސިނާޢީ މަސައްކަތްތައް އެހެން ތަންތަނަށް ބަދަލުކުރުން.
4. ފާގަތި ސިޓީއެއް (A City That Thrives): އިގްތިސާދީ ޚާއްޞަ ޒޯންތަކާއި ވަޒީފާގެ ފުރުސަތުތައް އިތުރުވާނެ ފަދަ ސަރަހައްދުތައް ކަނޑައެޅުން.
5. އެންމެންގެ ސިޓީއެއް (A City For Everyone): ހުރިހައި ފަންތިއެއްގެ ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާވަހިކަމާއި އިޖުތިމާޢީ މައިދާންތައް ފަސޭހައިން ލިބޭނެ މަގު ފަހިކުރުން
6. އަމިއްލަވަންތަކަން ހުރި ސިޓީއެއް (A City With Character): މާލޭގެ ޒަމާނީ ބިނާތަކާއި އާސާރީ ތަންތަން ރައްކާތެރިކޮށް، ސަގާފީ މުއްސަނދިކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުން.
7. ރައްކާތެރި ސިޓީއެއް (A City That Is Safe): ޢުމުރުން ދުވަސްވީ މީހުންނަށް ފަސޭހަ އަދި އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުވެފައިވާ މާލެއެއް ބިނާކުރުން.
މީގެ އިތުރުން މި އިސްތިރާޖީ ޕްލޭން އެކުލަވައިލުމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވަނީ ބޮޑު އިސްކަމެއް ދީފައެވެ.
އެކަންކަމުގެ ތެރޭގައި ހިމެނެނީ:
• އޮކްޓޫބަރު 2025 ގައި ބޭއްވުނު ފުރަތަމަ ސެޝަނުގައި 78 ބައިވެރިން ބައިވެރިވިއެވެ.
• ޑިސެމްބަރު މަހު ބޭއްވުނު ވޯޓިންގް ސެޝަނުގައި 61 ފަރާތަކުން ޚިޔާލު ދީފައިވެއެވެ.
• އޮންލައިންކޮށް ކުރިއަށްގެންދިޔަ ސާވޭއަށް ގިނަ ޢަދަދެއްގެ ރައްޔިތުންގެ އިޖާބަ ދީފައިވެއެވެ.
މި ސާވޭތަކުން ދައްކާގޮތުގައި، ރައްޔިތުން އެންމެ ބޮޑަށް އެދެނީ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ހިތްފަސޭހަ ފެހި މައިދާންތައް އިތުރުކުރުމަށެވެ. މާލޭގެ "އާބަން ސްޓްރެޓެޖީ 2030-2050" އާ ގުޅޭ އިތުރު ތަފްސީލާއި، ލޭންޑް ޔޫސް ޕްލޭންގެ ޗާޓުތައް ބަލާލުމަށް މާލެ ސިޓީ ކައުންސިލްގެ ރަސްމީ ވެބްސައިޓުގެ މި ލިންކަށް ވަނުމުން https://storymaps.arcgis.com/stories/17686b559bb24b0ab721cbe751757291 ފެނިވަޑައިގަންނަވާނެއެވެ.
