މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް21 ޖޫން 2026


ޓީޖެޓީ ސަރަހައްދު ސާފުކުރުމުގެ ބޮޑު ހަރަކާތް - ދެ ދުވަހު ތެރޭ 19 ޓަނުގެ ކުނި އުކާލައިފި

މާލެ ސިޓީގެ ހުޅަނގު-ދެކުނު ފަރާތު، ޓީޖެޓީ ސަރަހައްދާއި އިންވެގެން އޮތް ބޮޑުތަކުރުފާނު މަގު ގެ ސަރަހައްދު ސާފު ކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

ޓީޖެޓީ ސަރަހައްދު ސާފު ކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ފެށި މި މަސައްކަތުގެ ދަށުން، މިއަދު މެންދުރު ފަހުގެ ނިޔަލަށް 19 ޓަނުގެ ކުނި ވަނީ އެ ސަރަހައްދުންނަގައި އުކައިލައިފައެވެ. މި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ބެލެވެނީ މާދަމާގެ ނިޔަލަށެވެ.

މާލެ ސިޓީ ކައުންސިލްގެ ވޭސްޓް ސެކްޝަނާއި ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުން އިސްނަގައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ މާލެ ސާފުތާހިރުކޮށް ބޭއްވުމާއި، މަގުތަކަކީ ހިތްފަސޭހަ ތަނަކަށް ހެދުމެވެ. ކައުންސިލުން ފާހަގަކުރާ ގޮތުގައި މަގުތަކަށް އުކައިލާ ކުނި، ކާނުތަކަށް އެޅި ބެދުމުގެ ސަބަބުން، ވާރޭވެހޭ ދުވަސްވަރު އެ ފެން ކާނުތަކުން ބޭރުނުވެ މަގުތަކުގައި ފެންބޮޑުވެ ރައްޔިތުންނަށް އިންތިހާއަށް ދަތިތަކާ ކުރިމަތިވެއެވެ.

މި މަސައްކަތާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލެއާއި ވިލިމާލެ ސާފުތާހިރުކޮށް ބޭއްވުމަށް ކައުންސިލްގެ މުވައްޒަފުން ކޮންމެ ދުވަހަކު ހެނދުނުން ފެށިގެން ރޭގަނޑާ ހަމައަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި މާލެ ސިޓީ އަމާންކޮށް ބޭއްވުމަށް ފުލުހުން ދެއްވާ އެއްބާރުލުން ފާހަގަކޮށް މޭޔަރ ވަނީ، ފުލުހުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މޭޔަރ ޢާޒިމް އިތުރަށް ވިދާޅުވީ ކުނީގެ މައްސަލައަކީ ރައްޔިތުންގެ ހޭލުންތެރިކަމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން، މަގުތަކާއި ޕާކުތަކާއި މައިޒާންތަކުގެ އިތުރުން ފަޅުތެރެއަށް ވެސް ކުނި ނޭޅުމަށް، މޭޔަރ ވަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވައިފައެވެ. މާލެއަކީ ސާފު، ރީތި، އަދި ހިތްގައިމު ސިޓީއަކަށް ހެދުމަށް ހުރިހައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވެސް މޭޔަރ އަންނަނީ ތާފާތު ފޯރަމްތަކުގައި ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

މާލެ ސިޓީގެ މަގުތަކަށް ކުނި އަޅާ ފަރާތްތައް ފާހަގަކުރެވޭނަމަ، އެކަމުގެ ފޮޓޯ ނުވަތަ ވީޑިއޯ ކައުންސިލްގެ ހޮޓްލައިން ނަންބަރު 9341144 އަށް ފޮނުއްވައިދެއްވުމަށް ކައުންސިލުން އެދެއެވެ. މީގެ އިތުރުން ކައުންސިލްގެ ހޮޓްލައިން 1622 އަށް ގުޅައިގެން ވެސް މި ފަދަ މައްސަލަތައް ރިޕޯޓް ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.