މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް21 ޖޫން 2026


މާލެ ސްވިމިން ޓްރެކްގެ ސިޑި ފެހި ކަހައި ސާފުކުރުމުގެ މަސައްކަތް ހަފްތާއަކު ދެ ދުވަހު ކުރޭ !

މާލޭގެ ދެކުނު ފަރާތުގައި އޮންނަ ފަތާ ފެންގަނޑު ނުވަތަ ސްވިމިން ޓްރެކަށް ފައިބަން ބޭނުންކުރާ ސިމެންތި ސިޑިބަރި، ފެހި ކަހައި ސާފުކުރުމުގެ މަސައްކަތް ހަފްތާއަކު ދެ ދުވަހު ކުރަމުން އަންނަކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

މިއީ އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށް ޓަކައި ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި މަސައްކަތް ތާވަލުކޮށްގެން ކުރިއަށް ގެންދެވެނީ، ދިޔަވަރު ހުންނަ ގޮތަށް ބަލައި، ދިޔަވަރު ހިކޭ ވަގުތުތަކުގައެވެ.

މާލޭގެ ސްވިމިން ޓްރެކަކީ ގިނަ ޢަދަދެއްގެ އެތުލީޓުންނާއި، ސްކޫލް ދަރިވަރުންގެ އިތުރުން ޢާންމު ރައްޔިތުން ފެތުމަށާއި އަދި މި ނޫނަސް އެކި ހަރަކާތްތަކާއި ޓްރޭނިންތައް ބޭއްވުމަށް ބޭނުންކުރާ މުހިންމު ތަނެކެވެ. ސިޑިތަކުގައި ފެހި ޖެހުމަކީ، އެ ތަނަށް ފައިބައި ހަދާ މީހުން ކަހައިލައިގެން ވެއްޓި އަނިޔާވުމުގެ ފުރުސަތު އޮންނަ ކަމަކަށްވާތީ، ކައުންސިލުން އަންނަނީ މިކަމަށް ޚާއްޞަ ސަމާލުކަމެއްދީގެން މި ތަނުގެ ފެހި ކެހުމުގެ މަސައްކަތް ކުރަމުންނެވެ.

ސިޑިތައް ސާފުކުރުމުގެ އިތުރުން، އެ ސަރަހައްދުގެ ފަޅުތެރެ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ވެސް މާލެ ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ. މީގެ މަޤުޞަދަކީ ފަތާ ޓްރެކް ބޭނުންކުރާ ފަރާތްތަކަށް ސާފު ތާހިރު އަދި ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމެވެ.