މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް22 ޖޫން 2026


ބުލްބުލާ ގޯޅީގައި ބަހައްޓާފައި ހުރި ގައު ކުނޑިތައް ނެގުމަށް އަންގައިފި

މާލޭގެ ބުލްބުލާ ގޯޅި، ކާށިހޮޓާ ކަންމަތީގައި ގައު ކުނޑިތަކެއް ބެހެއްޓިފަރާތް ހޯދައި، އެ ތަކެތި ނެގުމަށް މާލެ ސިޓީ ކައުންސިލުން އަންގައިފިއެވެ.

މިއީ މާލޭގެ މަގުތަކުގައި ގަވައިޢިދާ ޚިލާފަށް ކުނި ބަހައްޓާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ނިންމި ނިންމުމެކެވެ.

މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، މާލޭގެ މަގުތަކުގައި ހުންނަ ގަސް ބުޑުތަކަށާއި އެކި ބޭނުންތަކުގައި މަގު ފާރުތަކުގައި ހަރުކޮށްފައި ހުންނަ ފޮށިތަކުގެ މަތީގައި ކުނި ބަހައްޓާފައި ހުންނަކަން އަދި ވެސް ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށެވެ. މޭޔަރު ވަނީ، މި ފަދަ ޢަމަލުތައް ނުކުރުމަށް މާލޭގައި ދިރިއުޅޭ ހުރިހައި ރައްޔިތުންގެ ކިބައިން ވަރަށް ބޮޑަށް އާދޭހާއެކު އެދިވަޑައިގެންފައެވެ.

"މަގުތަކަށް ކުނި އެޅުމުގެ ބަދަލުގައި، ކުނި އަޅަން ހުންނަ ޑަސްބިންތަކަށް ކުނިއެޅުމަށް ހުރިހައި ރައްޔިތުން ވެސް އާދައަކަށް ހެއްދެވުމަށް އެދެން." މޭޔަރު ވިދާޅުވިއެވެ. މީގެ އިތުރުން މާލޭގެ ފަޅުތެރެއަށާއި މޫދަށް ވެސް އެއްވެސް ފަރާތަކުން ކުނި ނޭޅުމަށް މޭޔަރު ވަނީ އިލްތިމާސް ކުރައްވައިފައެވެ.

މާލެ ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި، މަގުތަކަށް އުކައިލައިފައި ހުންނަ ކުނި ނަގައި ސާފުކުރުމަށް އަހަރަކު ގާތްގަނޑަކަށް 60 މިލިއަން ރުފިޔާ ހޭދަވެއެވެ. ރައްޔިތުންގެ ވިސްނުމަށް ކުޑަ ބަދަލެއް ގެނެސް މަގުތަކަށް ކުނި އެޅުން ހުއްޓައިލައިފިނަމަ، އެ ފައިސާ މާލޭގެ ޕާކުތަކާއި، މައިޒާންތަކާއި މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް ބޭނުންކުރެވޭނެ ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.

މާލެ ސިޓީ ސާފުކޮށް ބޭއްވުމަށް ހުރިހައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކޮށް، މަގުތަކަށް ކުނި އަޅާ ފަރާތްތައް ފާހަގަކުރެވޭނަމަ، އެކަން ރިޕޯޓްކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ. އެ ގޮތުން ކައުންސިލްގެ ހޮޓްލައިން 1622 އަށް ގުޅައިގެން ނުވަތަ 9341144 އަށް ފޮޓޯ އާއި ވީޑިއޯ ފޮނުވައިގެން ރިޕޯޓް ކުރެވޭނެއެވެ.