މާލެ ސިޓީގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، މާލެއަކީ ހިނގާބިގާވެ އުޅެން ފަސޭހަ ތަނަކަށް ހެދުމަށްޓަކައި ކުރިއަށްގެންދާ "އަރބަން މޮބިލިޓީ ސަރވޭ" ގެ ޑޭޓާ އެއްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިއީ މާލޭގެ ދަތުރުފަތުރުގެ ހާލަތު ދެނެގަނެ، ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ކުރިއަށްގެންދާ މުހިންމު ދިރާސާއެކެވެ.
މާލެ ސިޓީ ކައުންސިލާއި ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫއެންއެސްކެޕް) ގުޅިގެން ކުރިއަށްގެންދާ މި ދިރާސާއަކީ މާލޭގެ މޭޔަރ އާދަމް ޢާޒިމްގެ އިސްނެންގެވުމުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. މި މަޝްރޫޢާ ގުޅޭގޮތުން ޔޫއެންއެސްކެޕްގެ ޓްރާންސްޕޯޓް ޑިވިޝަންގެ، ޝެކްޝަން ޗީފް ކެޓްރިން ލޫގަރ ވަނީ މޭޔަރ ޢާޒިމާއެކު ރަސްމީ ބައްދަލުވުމެއް މިއަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ބާއްވައިފައެވެ.. މި ޕްރޮޖެކްޓަށް ބޭނުންވާ ފަންޑު ފޯރުކޮށްދެނީ ޔޫއެންއެސްކެޕުންނެވެ.
މި ދިރާސާގެ ތެރެއިން މައިގަނޑު ގޮތެއްގައި ބަލާފައިވަނީ މީހުން ގެންގުޅޭ އުޅަނދު ފަހަރުގެ އަދަދާއި، އެއްތަނުން އަނެއް ތަނަށް ދަތުރުކުރުމަށް ބޭނުންކުރާ ވަސީލަތްތަކުގެ އިތުރުން ދަތުރު ފަތުރުގެ ނިޒާމުގައި ހުރި ގޮންޖެހުންތަކަށެވެ. މީގެ މަޤްސަދަކީ މާލޭގެ ޓްރެފިކް ތޮއްޖެހުން ކުޑަކޮށް، ރައްޔިތުންނަށް ފަސޭހަ ނިޒާމެއް ބިނާކުރުމެވެ.
މި މަސައްކަތުގެ ޑޭޓާ އެއްކުރުމުގެ މަރުހަލާގައި މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުގެ 20 މުވައްޒަފުން ވަނީ ހަރަކާތްތެރިވެފައެވެ. އެގޮތުން އެމުވައްޒަފުން ވަނީ 1000 އަށް ވުރެ ގިނަ ގޭބިސީތަކަށް ޒިޔާރަތްކޮށްފައެވެ. މި ޓީމުން ވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން، ގްރޭޓަރ މާލެ ސަރަޙައްދުން މަޢުލޫމާތު ވެސް އެއްކޮށްފައެވެ.
ގޭގެއަށް ޒިޔާރަތްކޮށްގެން މައުލޫމާތު އެއްކުރުމުގެ އިތުރުން، އޮންލައިންކޮށް ވެސް މި މައުލޫމާތު އެއްކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން މިހާރު ވަނީ ފަށައިފައެވެ. އެގޮތުން މި ދިރާސާގައި ބައިވެރިވެ މައުލޫމާތު ދޭން ބޭނުންފުޅުވާ ފަރާތްތަކުން ކައުންސިލުން އާންމުކޮށްފައިވާ ލިންކު މެދުވެރިކޮށް މައުލޫމާތު ހިއްސާ ކުރެވޭނެއެވެ.
މި ދިރާސާއިން ލިބޭ ނަތީޖާތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި ޚާއްޞަ ސްޓޭކް ހޯލްޑަރ މީޓިންގއެއް ބޭއްވުމަށް ވެސް މިހާރު ވަނީ ތާވަލުކުރެވިފައެވެ. މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 20 އިން 21 އަށް މީރުމާ ހޮޓެލްގައެވެ. މި މަސައްކަތު ބައްދަލުވުމުގައި ދަތުރުފަތުރުގެ ދާއިރާގެ ކަމާބެހޭ ފަރާތްތަކުން ބައިވެރިވެ، ދިރާސާގެ ހޯދުންތަކަށް ބިނާކޮށް މަޝްވަރާ ކުރާނެއެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ގްރޭޓަރ މާލެ ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމު މިހާރު ބައްޓަންވެފައިވާ ގޮތް ދެނެގަނެ، ކާރިސާތަކުން އަރައިގަތުމުގެ ޤާބިލުކަން އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާ މެދު ޚިޔާލު ބަދަލުކުރުމެވެ. އަދި މި ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އިސްކަންދޭންޖެހޭ ކަންކަން މި ބައްދަލުވުމުގައި ކަނޑައެޅިގެންދާނެއެވެ. މިއީ ވަގުތީ ޕްރޮގްރާމެއް ކަމުން، ކުރިއަށް އޮތް ތަނުގައި ބައްދަލުވުމުގެ ތާވަލަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
