މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް06 ޖުލައި 2026


ގ.ފުންވިލު ގޭގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް މޭޔަރ ޢާޒިމް ވަޑައިގެން ހާލަތު ބައްލަވާލައްވައިފި

ގ.ފުންވިލު ގޭގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމާއި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު މުޙައްމަދު ރިޟިލްވާން ޢަލީ އަދި މާފަންނު ދެކުނު ދައިރާގެ ކައުންސިލަރު އިބްރާހިމް ލަބާން ޝަރީފް، އެ ސަރަހައްދަށް ވަޑައިގެން ހާލަތު ބެއްލެވިއެވެ.

މޭޔަރ ޢާޒިމް ވަނީ ހާދިސާގައި ގެއްލުން ލިބުނު ބައެއް މީހުނާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ހާލު އޮޅުންފިލުއްވައިފައެވެ.

މި ހާދިސާ ހިނގައިފައިވަނީ، ގ.ފުންވިލު ގޭގެ ހަތަރު ވަނަ ފަންގިފިލާގައެވެ. އަލިފާން ރޯވުމާއެކު ސިފައިންނާއި ކަމާބެހޭ ފަރާތްތަކުން ވަނީ، އަލިފާން ނިއްވުމުގެ މަސައްކަތް ވަގުތުން ފަށައިފައެވެ.

މި ހާދިސާގައި 11 މީހަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާ ދިނުމަށް ޓަކައި ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.

ހާދިސާގެ ސަބަބުން އެ ޢިމާރާތުގައި ދިރިއުޅޭ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ރޭ ވަނީ ވަގުތުން ފަށައިފައެވެ.

އެ ގޮތުން، ޢިމާރާތުގައި ދިރިއުޅޭ ގަތްގަޑަކަށް 58 އަށް މީހުންނަށް، އިވެކުއޭޝަން ސެންޓަރު މެދުވެރިކޮށް ބޭނުންވާ، އެހީތެރިކަން މިހާރު ވަނީ ފޯރުކޮށްދޭންފަށައިފައެވެ.