ހުޅުމާލޭގެ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ ކޮމިއުނިޓީ އެލަޔަންސްގެ ފަރާތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމާ ބައްދަލުކުރައްވައި، ހުޅުމާލޭގެ ތަރައްޤީއާއި އިޖުތިމާޢީ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުވުން އޮތީ، 6 ޖުލައި 2026 ވީ ހޯމަ ދުވަހުގެ މެންދުރު ފަހު، މާލެ ސިޓީ ކައުންސިލްގެ އިދާރާގައެވެ.
މި ބައްދަލުވުމުގައި މޭޔަރުގެ އިތުރުން ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަޙުމަދު ޣާލިބު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި، ހުޅުމާލެ ކޮމިއުނިޓީ އެލަޔަންސްގެ ފަރާތުން ވަނީ، އެ ޖަމިއްޔާގެ ހުރި ކަންބޮޑުވުންތަކާއި، ހުޅުމާލޭގައި ކުރިމަތިވަމުންދާ އެކި އެކި އިޖުތިމާޢީ މައްސަލަތަކާ ގުޅޭ މަޢުލޫމާތު، މޭޔަރާ ހިއްސާކުރައްވައިފައެވެ. މީގެ އިތުރުން، މި ދިޔަ އަހަރު ވެސް އެޖަމިއްޔާއިން ކުރިއަށް ގެންދިޔަ މެޑިކަލް ކޭމްޕް މިއަހަރު، އެއަށް ވުރެ ފުޅާކޮށް ބޭއްވުމާ ގުޅޭ ގޮތުން ވެސް ދެ ފަރާތުގެ މެދުގައި ޚިޔާލު ބަދަލުކުރެވުނެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ހުޅުމާލެ ކޮމިއުނިޓީ އެލަޔަންސް ފަދަ ޖަމިއްޔާތަކަށް، މާލެ ސިޓީ ކައުންސިލްގެ ފަރާތުން ދެވެން އޮތް ހުރިހައި އެއްބާރުލުމެއް ދެއްވާނެ ކަމަށެވެ. އަދި މި ފަދަ، ހުޅުވައިލެވިފައިވާ މަޝްވަރާތަކަކީ މުޖުތަމަޢުގެ ބޭނުންތައް ވަޒަންކޮށް، ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް މޭޔަރ ފާހަގަކުރެއްވިއެވެ.
ހުޅުމާލެ ކޮމިއުނިޓީ އެލަޔަންސް އަކީ ހުޅުމާލޭގައި، ޚާއްޞަކޮށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުން ބާރުވެރިކުރުވުމަށާއި، އެކުވެރިކަން އާލާކުރުމަށް ރަޖިސްޓްރީކޮށްގެން ހިންގާ ނޮން-ގަވަރމެންޓަލް އޯގަނައިޒޭޝަނެކެވެ . މި ޖަމިއްޔާއިން ދަނީ އިޖުތިމާޢީ، ޞިއްޙީ އަދި ތިމާވެށީގެ އެކި ހަރަކާތްތައް މެދުވެރިކޮށް މުޖުތަމަޢަށް ފާހަގަކޮށްލެވޭ ފައިދާތަކެއް ކޮށްދެމުންނެވެ.
