މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ގާނޫނުގެ ދަށުން (އާރުޓީއައި) މެދުވެރިކޮށް މަޢުލޫމާތު ހޯދަން އެދޭ ފަރާތްތަކަށް، ޚާއްޞަ އިސްކަމެއް ދީގެން، ދުވަހުން ދުވަހަށް ފުރިހަމައަށް މަޢުލޫމާތު ފޯރުކޮށްދެމުން އަންނަ ކަމަށް، މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
މާލެ ސިޓީކައުންސިލްގެ މޭޔަރުކަމުގެ މަޤާމާ މި ހާރުގެ މޭޔަރ އާދަމް ޢާޒިމް އިންތިޚާބުވެ ވަޑައިގެންނެވި ފަހުން، ކޮންމެ ހަފުތާއެއްގައި ބާއްވާ ވެރިންގެ ބައްދަލުވުމުގެ އެޖެންޑާގެ އެންމެ ފުރަތަމަ ނަމްބަރަކަށް އޮންނީ އާރުޓީއައި މެދުވެރިކޮށް މަޢުލޫމާތު ހޯދުމަށް އެދިފައިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ކުރެވިފައިވާ މަސައްކަތެވެ. މި މަސައްކަތް ގޮސްފައިވާ ހިސާބު ވެރިންގެ ބައްދަލުވުމަށް ހުށަހަޅަނީ ވެސް، އެ ކަމަށް ޚާއްޞަ ކޮށްފައިވާ ކައުންސިލްގެ މުއައްޒަފުންނެވެ. އެ ބޭފުޅުން އެ މަޢުލޫމާތު ހުށަހެޅުމުން، ލީގަލް ސެކްޝަނުން އެ މަޢުލޫމާތު ފޯރުކޮށް ދިނުމަށް ކުރައްވައިފައިވާ މަސައްކަތް ވެރިންގެ ބައްދަލުވުމަށް ހުށަހަޅުއްވައެވެ. ލީގަލް ސެކްޝަނުގެ ހުށަހެޅުމަށް ބަލައި، އަރުޓީއައިއަށް ހުށަހެޅިފައިވާ ފޯމުތަކުގެ މަޢުލޫމާތު ވީހައި އަވަހަށް ދިނުމަށް ނިންމައެވެ. މީ ކޮންމެ ހަފުތާއެއްގައި މި ކަން ހިނގަމުންދާގޮތްކަން، މި ކައުންސިލްގެ ރެކޯޑްތަކުން ފެންނަން އެބަހުއްޓެވެ.
މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 7 ވަނަ ރަސްމީ ޢާއްމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ ވިދާޅުވީ، އާރުޓީއަި މެދުވެރިކޮށް މައުލޫމާތެއް ހޯދަން ކައުންސިލަށް ހުށަހަޅާފައި ވާނަމަ، އެ މައުލޫމާތު ފުރަތަމަ ލިބޭނީ ކައުންސިލްގެ އާރުޓީއައި ބަލަހައްޓަމުން އަންނަ ފަރާތަށް ކަމަށާއި އެ އަށްފަހު އެފަރާތުން ކައުންސިލްގެ އިސް ވެރިންނަށާއި ކައުންސިލްގެ ލީގަލް ބޭފުޅުންނަށް ޚިއްސާ ކުރުމުން، އެ މައުލޫމާތެއް ، މައުލޫމާތު ހޯދަން އެދުނު ފަރާތަކަށް ދެމުން އަންނަ ކަމަށެވެ. އެ ހެންނަމަވެސް އައިކޮމްއަށް ކައުންސިލުން އިއްޔެ ފޮނުވައިފަވާ އީމެއިލް އަކީ، ކައުންސިލްގެ އާރުޓީއައި ބަލަހައްޓާ ފަރާތުން އަމިއްލައަށް ފޮނުވި މެއިލްއެއް ކަމަށާއި އެއީ ކައުންސިލްގެ ނިންމުމެއް ނޫން ކަމަށް މޭޔަރ ޢާޒިމްގެ ވާހަކަގައި ފާހަގަ ކުރެއްވި އެވެ.
އޮންނަ އުޞޫލުގެ ދަށުން، ގެޒެޓްގައި ޢިއުލާންކޮށްގެން ނޫން ގޮތަކަށް، މާލެ ސިޓީ ކައުންސިލުން ކުރާ އެއްވެސް މަސައްކަތެއް ނުކުރާނެއެވެ. ކައުންސިލަށް ހޯދާ މުދާ ހޯދުމުގައި ޢަމަލުކުރަމުންދާ އުޞުލަކީ ވެސް މިއީއެވެ. މި ގޮތަށް މި މަސައްކަތް ކުރަނީ، މާލެ ސިޓީގެ ހުރިހައި ކަމެއް، ދެފުށް ފެންނަ، ޖަވާބުދާރީ ވަނިވި ގޮތަކަށް ކުރުމަށެވެ. އަދި ކައުންސިލްގެ މަސައްކަތްތަކާ މެދު ރައްޔިތުންގެ އިތުބާރު ބޮޑުކުރުމަށެވެ.
މިހައި ސާފުކޮށް ހިނގަމުންއަންނަ ކަމެއްގައި، އަދި މި ކަމާގުޅޭ މަޢުލޫމާތު ފަސޭހައިން ލިބެން އޮވެ އެ ފުރުޞަތުގެ ބޭނުން ނުހިފައި، މީހުންނަށް ކަންއޮތް ގޮތް އޮޅޭ ގޮތަށް، މި ފަދަ ވާހަކައެއް ޝާޢުކުރުމަކީ މި ކައުންސިލުން ނުހަނު ހިތާމަކުރާ ކަމެކެވެ.
އެހެން ކަމުން މި ކައުންސިލުގެ ކަންކަމާ ގުޅޭގޮތުން އެއްވެސް ފަރާތަކުން އެއްވެސް ވާހަކައެއް ޝާއިޢުކުރައްވާ ނަމަ، މި ކައުންސިލާ ގުޅުއްވައިގެން ޞައްޙަ މަޢުލޫމާތު ހޯއްދަވައިގެން ޝާއިޢުކުރުމަށް އެދޭ ވާހަކަ ދަންނަވަމެވެ. ގިނަ ބޭފުޅުން މި ގޮތަށް ޢަމަލުކުރައްވަމުން ގެންދަވާކަން ވެސް ފާހަގަކުރަމެވެ.
