މާފަންނު މަދަރުސާގައި ދަރިވަރުން ބޭނުންކުރާ ހޯލު އާދަޔާ ޚިލާފަށް ހޫނުވުމުގެ ސަބަބުން ކުދިންގެ ހަރަކާތްތަކަށް ނޭދެވޭ އަސަރު ކުރާތީ، އެ ކަން ހައްލުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މި ގޮތަށް ނިންމާފައިވަނީ ބުދަ ދުވަހު ބޭއްވުނު މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 7 ވަނަ ރަސްމީ ޢާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
ޖަލްސާއަށް މި މައްސަލަ ހުށަހަޅުއްވަމުން މާފަންނު މެދު ދާއިރާގެ ކައުންސިލަރު ޢާއިޝަތު ހަނާ ވިދާޅުވީ، މާފަންނު މަދަރުސާއަކީ ޕްރީސްކޫލަކަށްވެފައި، ތުއްތު ކުދިންނަށް ބޭނުންވާ ތަޢުލީމާއި ހުނަރު ދަސްކޮށްދޭ ތަނަކަށް ވާއިރު، އެ ތަނަކީ އެ ކުދިންގެ ދުޅަހެޔޮ ޞިއްޙަތަށާއި ހަރަކާތްތެރިވެ އުޅުމަށް އެކަށީގެންވާ ތަނަކަށް ވާންޖެހޭ ކަމަށެވެ. އަދި އެ މަދަރުސާގެ ހޯލަކީ 'އޯލް ޕާޕަސް' ހޯލަކަށް ވީނަމަވެސް، ހޫނުގަދަވުމުގެ ސަބަބުން އެތަނުގެ އެންމެ ފުރިހަމަ ބޭނުން ނުކުރެވޭކަން އޭނާ ފާހަގަކުރެއްވިއެވެ.
ހަނާގެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވަމުން މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް ލަބާން ޝަރީފް ވިދާޅުވީ، ތަޢުލީމަށް ކުރެވޭ އިންވެސްޓްމަންޓަކީ ކުރިމަގަށް ކުރެވޭ އެންމެ ބޮޑު އިންވެސްޓްމަންޓް ކަމަށެވެ. ނަމަވެސް މާފަންނު މަދަރުސާގެ ކުދިން ކިޔަވަމުންދަނީ ވަރަށް ހާލުގައި ކަމަށާއި، ހޫނުގަދަވުމުގެ އިތުރުން ވިއްސާރަ މޫސުމުގައި ކްލާސްތަކަށް ފެންވަންނަ މައްސަލައަކީ ވެސް އަވަހަށް ހައްލުކުރަންޖެހޭ ކަމެއް ކަމަށް ލަބާން ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާފަންނަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރުން އެ މަދަރުސާގެ ޙާލަތު ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި މި މައްސަލަ ހައްލުކުރުމަށް ގާތްގަނޑަކަށް 5 ލައްކަ ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށާއި، މި މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށް ބޭނުންވާ ކަމަށް މޭޔަރ ވިދާޅުވިއެވެ.
