މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް09 ޖުލައި 2026


ފާއިތުވެދިޔަ ހަމަސްދުވަހު ކައުންސިލުން ބޭނުންވާ ދުވެލީގައި ކަންތައްތައް ކުރިއަށް ގެންދިޔުމަށް ގިނަ ހުރަސްތަކެއް ކުރިމަތިވި

ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހާއި އެކު، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ބުނާ އިންތިޚާބު 2026 ވަނަ އަހަރުގެ އެޕްރީލް މަހު ބޭއްވުމުން، ފާއިތުވެދިޔަ ހަމަސް ދުވަހުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލުން ބޭނުންވާ ދުވެލީގައި މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ޤާނޫނީ ގޮތުން ގިނަ ހުރަސްތަކެއް ކުރިމަތިވެފައިވާކަން ހާމަކޮށްފިއެވެ.

މިކަން ހާމަކުރީ، މާލެ ސިޓީ ކައުންސިލް ހޯލުގައި މިހާރު ކުރިއަށްދާ، މި އަހަރުގެ، ރައްޔިތުންގެ ދެވަނަ ބައްދަލުވުމުގައި ގެނެސްދިން ވީޑިއޯ ރިޕޯޓުންނެވެ.

އެ ގޮތުން ކައުންސިލުން ކުރިއަށްގެންދަން ރާވައިފައިވާ މުހިންމު ޙަރަކާތްތަކާއި މަޝްރޫޢުތަކަށް ވަނީ މި ބަދަލުތަކުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ.

ވަކިން ޚާއްޞަކޮށް، ކައުންސިލްގެ މަސައްކަތްތައް ހަލުވިކުރުމަށް ބޭނުންވާ މުވައްޒަފުން ނެގުމާއި، އިދާރީ ހިންގުމަށް ބޭނުންވާ މުހިންމު ނިންމުންތައް ނިންމުމުގައި ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

މީގެ އިތުރުން، މާލީ ގޮތުން ނިންމަންޖެހޭ ބޮޑެތި ނިންމުންތައް ނިންމުމުގައި ވެސް، އިދާރީ ގޮތުން ގިނަ ހުރަސްތަކެއް ކުރިމަތިވި ކަން ވެސް ފާހަގަކުރެވެއެވެ.

މިފަދަ ގޮންޖެހުންތަކުގެ ސަބަބުން ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކާއި، ތަރައްޤީގެ މަޝްރޫޢުތައް، ރޭވިފައިވާ ގޮތަށް ބޭނުންވާ ދުވެލީގައި ކުރިއަށް ނުގެންދެވޭކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.