މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 09 ޖުލައި 2026


ފެހި ތަނަވަސް މާލެ: ފާއިތުވި 6 މަސްދުވަހު މާލެ ސިޓީ ހިތްފަސޭ ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް

"ފެހި ތަނަވަސް މާލެ" މި ޝިޔާރުގެ ދަށުން، މާލެ ސިޓީއަކީ ރީތި، ފެހި، އަދި ހިތްފަސޭހަ ތަނަކަށް ހެދުމަށް ޓަކައި ވޭތުވެދިޔަ ހަ މަސްދުވަހު ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން މާލޭގެ މާހައުލު ބަދަލުކޮށްލުމަށް ޓަކައި މުހިންމު ފިޔަވަޅުތަކެއް ވަނީ އެޅިފައެވެ.

ފާއިތުވި 6 ދުވަހު މާލެ ސިޓީ ހިތްފަސޭހަ ސިޓީއަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަން ހާމަކުރީ މާލެ ސިޓީ ކައުންސިލް ހޯލުގައި މިހާރު ކުރިއަށްދާ، ކައުންސިލްގެ މި އަހަރުގެ ދެ ވަނަ ރައްޔިތުންގެ ބައްލުވުމުގައި ދެއްކި ވީޑިއޯ ރިޕޯޓުންނެވެ.

މި ގޮތުން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި މާލޭގެ ޕާކުތަކާއި، މައިދާންތަކާއި، އަދި ޢާއްމުން އެއްވާ އެކި ސަރަހައްދުތަކުގައި ތަފާތު ބާވަތްތަކުގެ 2090 ގަސް އިންދާފައިވެއެވެ. މީގެ އިތުރުން މާލޭގެ މަގުތަކުގައި ގަސްބުރުތައް ރޭނުމާއި، މާލެ ވަށައިގެންވާ އެއްގަމު ތޮށީގައި ކުލަލައި ރީތިކުރުމުގެ އިތުރުން، ޕާކިން ޒޯންތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މާލޭގެ ޕާކުތައް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން، މާފަންނު ފިނި ޕާކު ތަރައްޤީކުރުމުގެ ކޮންސެޕްޓް ޑިޒައިން މިހާރު ވަނީ ނިންމާފައެވެ. މި ޕާކުގެ ޢަމަލީ މަސައްކަތް ފެށުމަށް މިހާރު ވަނީ އެންމެ ފަހުގެ ތައްޔާރީތައް ވެފައެވެ.

މާލޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން މާލޭގެ ހަތަރު ސަރަހައްދެއްގައި ޒަމާނީ ބަސް ސްޓޭންޑްތަކެއް އެޅުމަށް ވަނީ ނިންމައިފައެވެ. މީގެ ތެރެއިން މާފަންނު މައިޒާން ސަރަހައްދުން މަޖީދީ މަގަށް ވާގޮތަށް ހަދާފައިވާ ބަސް ސްޓޭންޑްގެ މަސައްކަތް މިހާރު ވަނީ މުޅިން ނިމި، ހުޅުވުމަށް ތައްޔާރުވެފައެވެ.

މީގެ އިތުރުން، ހެންވޭރު ރާޅުގަނޑު ސަރަހައްދުން ބޮޑުތަކުރުފާނު މަގަށް ވާގޮތަށް ތަރައްޤީކުރާ ބަސް ސްޓޭންޑްގެ 80 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ވެސް ސިޓީ ކައުންސިލުން ފާހަގަކުރެއެވެ.

މިއީ މާލެއަކީ ދިރިއުޅެން ހިތް ފަސޭހަ އަދި ދަތުރުފަތުރުގެ ކަންކަން ލުއިފަސޭހަ ތަނަކަށް ހެދުމަށް ކުރެވޭ ކަންކަމުގެތެރޭގައި ހިމަނައިގެން ކުރެވުނު މުހިންމު މަސައްކަތްތަކެކެވެ.