މާލެ ސިޓީގެ މަގުތަކަކީ، އެންމެންނަށް ރައްކާތެރި، އަމާން އަދި ފަސޭހަ ތަނަކަށް ހެދުމަށް ޓަކައި، މާލެ ސިޓީ ކައުންސިލުން، ވޭތުވެދިޔަ ހަ މަސްދުވަހު 3،500 އަށްވުރެ ގިނަ މަސައްކަތް ކޮށްފައިވާ ކަމަށް، މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
މިއީ މާލޭގެ މަގުތަކުގެ ހާލަތު ރަނގަޅުކޮށް، ޢާންމުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެކެވެ.
މިކަން ކައުންސިލުން ހާމަކުރީ މާލެ ސިޓީ ކައުންސިލް ހޯލުގައި މިހާރު ކުރިއަށްދާ، ކައުންސިލްގެ މި އަހަރުގެ، ރައްޔިތުން ދެވަނަ ބައްދަލުވުމުގައި ދެއްކި ވީޑިއޯ ރިޕޯޓުންނެވެ.
މާލެ ސިޓީ ކައުންސިލުން ފާހަގަކުރި ގޮތުގައި، މަގުތަކާ ގުޅިފައިވާ މަސައްކަތްތަކަކީ ގިނަ ގޮންޖެހުންތަކެއް ހުރި މަސައްކަތްތަކެކެވެ. ނަމަވެސް، ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި މަގުތައް މަރާމާތުކުރުމާއި، ހިނގައިބިނގައިވެ އުޅޭ މީހުންނަށް ފަސޭހަކުރުމަށް، ރޭމްޕް ހެދުމުގެ އިތުރުން ބޮލާޑް ޖެހުމުގެ މަސައްކަތް ކޮށްފައިވެއެވެ.
މީގެ އިތުރުން، ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކާނުތައް ސާފުކުރުމުގެ މަސައްކަތާއި، މަގުތަކުގެ ނަން ބޯޑުތައް އައުކޮށް ހަރުކުރުމުގެ މަސައްކަތް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ރޭގަނޑުގެ ވަގުތުތަކުގައި މަގުތަކުގެ އަމާންކަން ކަށަވަރުކުރުމަށް މަގު ބައްތިތައް މަރާމާތުކޮށް ދިއްލުމާއި، ޓްރެފިކް ނިޝާންތައް ކުރެހުމުގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ.
މަގުތަކުގައި ދަތުރުފަތުރު ކުރުމަށް ހުރަސްއެޅޭ ގޮތަށް ހުންނަ ގަސްގަހާގެހި ކޮށުމުގެ މަސައްކަތް ވެސް ކައުންސިލުން ވަނީ މި މުއްދަތުގެ ތެރޭގައި ކުރިއަށް ގެންގޮސްފައެވެ.
މާލެ ސިޓީ ކައުންސިލުން އަމާޒު ހިފާފައިވަނީ، މާލޭގެ މަގުތަކަކީ ހުރިހައި ރައްޔިތުންނަށް ވެސް ބޭނުންކުރަން ފަސޭހަ އަދި ރައްކާތެރި މާހައުލަކަށް ހެދުމަށެވެ.
