މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް09 ޖުލައި 2026


ވޭތުވެދިޔަ 6 މަސްދުވަހު މާލޭގެ މަގުތަކުން 4375 ޓަނުގެ ކުނި އުކައިލައިފި

މާލެ ސިޓީގެ މަގުތައް ސާފުކޮށް ބޭއްވުމަށް މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ދަށުން، ވޭތުވެދިޔަ ހަ މަސްދުވަހު މާލޭގެ މަގުތަކުން 4375 ޓަނުގެ ކުނި ނަގައި އުކާލައިފިއެވެ.

މިއީ މާލެ ސިޓީ ކައުންސިލުން މާލެ ސާފުކޮށް ބޭއްވުމަށް ކުރަމުންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން ހާސިލްކުރެވުނު މުހިއްމު ކަމެކެވެ.

މާލޭގެ މަގުތަކުން 4375 ޓަނުގެ ކުނި އުކައިލައިފައިވާ ކަން ހާމަކުރީ، މާލެ ސިޓީ ހޯލުގައި މިހާރު ކުރިއަށްދާ، ކައުންސިލްގެ މި އަހަރުގެ، ރައްޔިތުންގެ ދެވަނަ ބައްދަލުވުމުގައި ދެއްކި ވީޑިއޯ ރިޕޯޓްގައެވެ.

އެކަށީގެންވާ ރައްކާތެރިކަމާއެކު ކުނި ނައްތައިލުމާއި، ދުވަހުން ދުވަހަށް އުފެދޭ ކުނި ގިނަވިޔަ ނުދީ ނައްތައިލުމަކީ މާލެ ސިޓީ ކައުންސިލުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށް އެ އިދާރާއިން ހާމަކުރެއެވެ. މި ގޮތުން މާލެ ސިޓީގެ މަގުތައް ކުނިކަހައި ސާފުކުރުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާކަން ކައުންސިލުން ފާހަގަކުރެއެވެ.

ކައުންސިލުން ފާހަގަކުރާ ގޮތުގައި، ކުނީގެ މައްސަލައަކީ ހައްލުކުރަން އެންމެ އުނދަގޫ އެއް މައްސަލައެވެ. އެއީ ކުނީގެ މައްސަލައަކީ އެ ތަނެއްގައި ދިރިއުޅޭ ރައްޔިތުންގެ ވިސްނުމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށް ވާތީއެވެ. މާލެ ސިޓީއަކީ ސާފު، ރީތި އަދި ހިތްގައިމު ތަނަކަށް ހެދުމަށް ރައްޔިތުންގެ އެއްބާރުލުން ނުހަނު ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ މަގުތަކާއި، ޕާކުތަކާއި، މައިޒާންތަކުގެ އިތުރުން ފަޅުތެރެއަށް ވެސް ކުނި ނޭޅުމަށް ލޮބުވެތި ރައްޔިތުންނަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ. ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމަކީ މުޅި ސިޓީގެ ސާފުތާހިރުކަން ދެމެހެއްޓުމަށް އޮތް އެންމެ މުހިންމު ޙައްލު ކަމަށް އެ ކައުންސިލުން ދެކެއެވެ.