މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް09 ޖުލައި 2026


ވިލިމާލެ ބަނދަރުބޭނުންކުރާ ފަރާތްތަކަށް ދޭ ޚިދުމަތްތައް ރަނގަޅުކުރުމަށް މުހިއްމު މަސައްކަތްތަކެއް ކޮށްފި

ވިލިމާލެ ބަނދަރު މަރާމާތުކުރުމާއި، އެ ސަރަހައްދުން ލިބޭ ޚިދުމަތްތައް ފުޅާކުރުމަށް ވޭތުވެދިޔަ 6 މަސް ދުވަހުގެ ތެރޭގައި، ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

ކައުންސިލުން މިކަން ހާމަކުރީ، މާލެ ސިޓީ ހޯލުގައި މިހާރު ކުރިއަށްދާ، މިއަހަރުގެ، ރައްޔިތުންގެ ދެވަނަ ބައްދަލުވުމުގައި ދެއްކި ވީޑިއޯ ރިޕޯޓްގައެވެ.

މި މަސައްކަތްތަކުގެ މައިގަނޑު މަޤުޞަދަކީ، ވިލިމާލެ ފަޅު ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމެވެ.

ބަނދަރުގެ އިންތިޒާމްތައް ހަރުދަނާކުރުމުގެ ގޮތުން، ފަޅު ބޭނުންކުރާ ފަރާތްތަކަށް ފުރިހަމަގޮތުގައި ބޭނުންކުރެވޭނެ ގޮތް ހެދުމަށް ޓަކައި، ފައްތިޔާ ދޫކުރުމާއި، ފަޅު ބޭނުންކުރުމުގެ ދާއިމީ ހުއްދަ ދިނުމުގެ މަސައްކަތްތައް ވަނީކޮށްފައެވެ. މީގެ އިތުރުން، ފަޅުގެ ސާފުތާހިރުކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ފަޅުތެރެއަށް ފެތިފައިވާ އުޅަނދުފަހަރު ނެގުމުގެ މަސައްކަތް ވެސް މި މުއްދަތުގެ ތެރޭގައި ވަނީ ކުރެވިފައެވެ.

ވިލިމާލޭގެ ރައްޔިތުންނަށާއި އެ ރަށަށް ލަފައިފުރާ އުޅަނދު ފަހަރަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދަތިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ބަނދަރު ސަރަހައްދުގައި ޕެޓްރޯލް ޝެޑެއް ހެދުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ޓަކައި ފިޔުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް) އަށް މިހާރު ވަނީ ބިން ހަމަޖައްސައިދީފައެވެ.

މި އައު ޕެޓްރޯލް ޝެޑާއެކު، ވިލިމާލޭގައި އުޅަނދު ފަހަރު ގެންގުޅޭ ފަރާތްތަކަށް ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.

މިއީ ވިލިމާލޭގެ ތަރައްގީއަށާއި ބަނދަރުގެ ޚިދުމަތްދިނުން ޒަމާނީ ފެންވަރަކަށް ބަދަލުކުރުމަށް ކުރެވޭ މުހިއްމު މަސައްކަތްތަކެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.