މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް09 ޖުލައި 2026


ކުރިމަގަށް ތަޞައްވަރުކުރާ މާލެ ސިޓީގެ ސިފަތައް ހާމަކޮށްފި

ކުރިމަގަށް ތަޞައްވުރުކުރާ، މާލެ ސިޓީގެ ސިފަތައް ޤާއިމްކުރުމަށް ޓަކައި މާލެ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމަށް، ދުރު ރާސްތާ ޕްލޭނެއް ހަދައި ފާސްކޮށްފިއެވެ.

މި ޕްލޭން ތަޢާރަފުކުރީ، ރައްޔިތުންނާ ބައްދަލުކުމަށް 9 ޖުލައި 2026 ގައި މާލެސިޓީ ކައުންސިލުން ބޭއްވި، މި އަހަރުގެ ދެވަނަ ބައްދަލުވުމުގައެވެ.

އަރބަން ސްޓްރެޓެޖީ 2030/2050 ގެ ނަމުގައި އެކުލަވާލެވުނު މި ޕްލޭންގައި، ކުރިއަށް އޮތް 25 އަހަރަށް ކުރެވޭ ތަސައްވުރަކީ މި ސިޓީއަކީ ދިރިއުޅެން ފަހި، ހިތްފަސޭހަ، ޖަޒީރާ ސިޓީއަކަށްހެދުމެވެ. މި މަންޒިލަށް ވާސިލުވުމަށް ކައުންސިލުން ވަނީ، 3 ދާއިރާ އަކުން 8 އިސްތިރާޖެއް އެކުލަވަލައިފައެވެ. އޭގެތެރޭގައި ހިމެނެނީ ތިމާވެށީގެ ދާއިރާއިން، ހަލުއި ފިނި ސިޓީއެއް ޤާއިމްކުރުމާއި އިޤްތިޞާދުގެ ދާއިރާއިން، ބަދަލުތަކަށް އިޖާބަދޭ ފާގަތި ސިޓީއެއް ޤާއިމްކުރުމާއި، މުޖުތަމަޢުގެ ދާއިރާއިން، އެންމެން ހިއްސާވާ އަމިއްލަވަންތަ، އަމާން އަދި ރައްކާތެރި ސިޓީއެއް ޤާއިމްކުރުމެވެ.

ހަލުއިސިޓީގެ އިސްތިރާޖުގެ އަމާޒަކީ، އެންމެހައި ފަރާތްތަކަށް މާލެ ތެރޭގައި ހިނގައިފައި އަދި ދަތުރުފަތުރުކޮށް އުޅުމަށް ފަސޭހަކޮށްދިނުމެވެ.

އެގޮތުން އަމިއްލަ އުޅަނދުތަކަށް ބަރޯސާވާ މިންވަރު މަދުކުރުމާއި، ޢާންމު ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމާއި، ހިނގައިބިނގައިވެ އުޅުމަށާއި އެކި ތަންތަނަށް ދިޔުން ފަސޭހަކުރުމުގެ އިތުރުން، ޕާކުކުރުމުގެ ފުރިހަމަ ހައްލުތަކެއް ހޯދައިދިނުން ހިމެނެއެވެ. އެގޮތުން، އެއްގަމު އުޅަނދުގެ އަދަދު ކަނޑައަޅައި ވަކި މިންގަނޑެއްގައި ހިފެހެއްޓުމުގެ ސިޔާސަތު އެކުލަވައި ތަންފީޒުކުރުމާއި އާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމާއި ޕާކިންގް މައްސަލައަށް ހައްލު ހޯދައިދިނުމުގެ ތެރެއިން، ޕާކިންގ ބިލްޑިންގ ތަރައްޤީކުރުމާއި ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކުރުމަށް ޓްރެފިކް ޕްލޭންކުރުމާއި މާލޭގެ ބަނދަރުތަކާއި ގިމަތަތައް ތަރައްޤީކުރުމެވެ.

ފިނި ސިޓީގެ އިސްތިރާޖީ އަމާޒަކީ، މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި ޞިއްޙަތަށް ފައިދާހުރި، ހިތްފަސޭހަ މާޙައުލެއް ގާއިމުކުރުމެވެ. އަދި މާލެ ފިނިކުރުމާއި، ތިމާވެށީގެ ގޮންޖެހުންތަކަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމެވެ.

ބަދަލުތަކަށް އިޖާބަދޭ ސިޓީއެއްގެ އިސްތިރާޖުގެ އަމާޒަކީ، ތަރައްޤީގެ މަޝްރޫޢުތަކަކީ ބަދަލުވަމުންދާ ހާލަތުތަކާއި އެއްގޮތަށް ބައްޓަންކުރެވޭ އަދި ހާލަތާއި ގުޅޭގޮތަށް އިޖާބަދޭ ސިޓީއަކަށް ހެދުމެވެ. އެކަށީގެންނުވާ ގޮތަށް ބޭނުންކުރަމުން އަންނަ ބިންތައް ވަކިން ޚާއްސަކޮށް، ޢާންމުންނަށް އުނދަގޫވާނެ ފަދަ ސިނާޢީ މަސައްކަތްތަކާއި އުޅަނދުފަހަރަށް ޚިދުމަތްދޭ ތަންތަން، ޓިންކަރިންގް، އަދި އަލިފާން ހިފާ ފަދަ ނުރައްކާތެރި މުދާ ރައްކާކުރާ ގުދަންތައް، ސިނާޢީ ސަރަހައްދުތަކަށް ބަދަލުކުރުމެވެ. އަދި ބިން ބޭނުންކުރާ ގޮތް ތަރުތީބުކޮށް އެންމެ ފުރިހަމަ ގޮތެއްގައި ބޭނުންނުކުރެވި ހުރި ބިންތައް އިޖުތިމާޢީ، އިޤްތިސާދީ އަދި ތިމާވެށީގެ، ބަދަލުވަމުންދާ ހާލަތްތަކަށް ފުރިހަމައަށް އިޖާބަދޭގޮތަށް އަލުން ތަރައްޤީކުރުމެވެ.

ފާގަތި ސިޓީއެއްގެ އިސްތިރާޖުގެ އަމާޒަކީ އިޤްތިޞާދީ ކުރިއެރުވުމާއި ތަފާތު ވިޔަފާރިތައް ސިންދަފާތު ކުރުމާއި އިޤްތިޞާދީ ބޭނުންތަކަށް ބޭނުންކުރާ ތަންތަން އެކި ދިމަދިމާއަށް ބެހިގެންދިޔުމުގެ ބަދަލުގައި، އެއް ބާވަތެއްގެ މަސައްކަތްތައް، އެއް ސަރަހައްދަކަށް ޒޯނުކޮށް، ވިޔަފާރިތައް ކުރިއެރުވުމަށް ފުރުސަތު ހޯދައި، އެ ފަދަ ވިޔަފާރިތަކަށް ޚާއްޞަ ސަރަޙައްދުތަކެއްގެ ގޮތުގައި ތަރައްޤީކުރުމެވެ.

އެންމެން ހިއްސާވާ ސިޓީއެއްގެ އިސްތިރާޖުގެ އަމާޒަކީ، އެންމެންގެ ބައިވެރިވުން ހިމެނޭ، ހަމަހަމަ ފުރުޞަތުތަކެއް އޮތް ސިޓީއަކަށް ހެދުމަށް ބާރުއެޅުމަށް ގެދޮރާއި ވަޒީފާގެ އިތުރުން، ޢާންމު އިޖުތިމާޢީ ބައްދަލުވުންތަކަށް ބޭނުންވާ ތަންތަން، ނުވަތަ ތަރޑް ސްޕޭސް، ތަރައްޤީކުރުމާއި، ބޯހިޔާވަހިކަމުގެ ބޭނުންތަކަށް އެކަށޭނަ ޙައްލުތައް ހޯދައިދިނުމެވެ.

އަމިއްލަވަންތަ ސިޓީގެ އިސްތިރާޖަކީ، މާލޭގެ މުއްސަނދި ތާރީޚާއި އަމިއްލަވަންތަ ސިފަތައް ފާހަގަކޮށް، އެ ކަންކަން އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމެވެ. އެހެންކަމުން، މި އިސްތިރާޖުގެ މައިގަނޑު މަޤްސަދުގެ ތެރޭގައި ޘަޤާފީ ކަންކަން ފުޅާކުރުމާއި އިޖުތިމާޢީ ގުޅުންތައް ބަދަހި ކުރުމާއި، މުނިފޫހިފިލުވުމާއި ފަންނުވެރިކަމަށް ފުރުސަތު ފަހިކޮށްދިނުން ހިމެނެއެވެ.

އަމާން އަދި ރައްކާތެރި ސިޓީއެއްގެ އިސްތިރާޖު ބިނާވެފައިވަނީ، މާލެއަކީ ދިރިއުޅެން ފަހި، ރައްކާތެރި އަދި އަމާންވެށްޓަކަށް ހެދުމެވެ. މީގެ ތެރޭގައި މުޖުތަމަޢުގައި އެހީތެރިކަމަށް އެންމެ ބޮޑަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ޚާއްސަ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، އިޖުތިމާޢީ އަދާލަތު ޤާއިމްކޮށް އިޖުތިމާޢީ ރައްކާތެރިކަން ވަރުގަދަކޮށް، ކޮންމެ ރައްޔިތަކަށްމެ ބިރުވެރިކަމެއް ނެތި އަމާންކަމާއިއެކު ދިރިއުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަށް އިސްކަންދިނުމެވެ.

އިދާރީ ހިންގުން މި އިސްތިރާޖަކީ އިސްވެދެންނެވުނު އިސްތިރާޖުތައް ޙާޞިލުކުރުމަށް ޓަކައި ކައުންސިލު ހިންގުމުގެ އޮނިގަނޑު، ބަޖެޓް އަދި ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ކުރިއަށް ގެންދިއިމެވެ. މީގެތެރޭގައި ކައުންސިލް ޒިންމާދާރުކޮށް ޖަވާބުދާރީކުރުވުމަށް އިދާރީ ހިންގުން ޑިޖިޓަލައިޒް ކުރުމާއި ޕްލޭނިންގް ޤަވައިދުތަކާއި ސިޔާސަތުތައް ހަރުދަނާކުރުމާއި ޑޭޓާ ސިސްޓަމްތަކާއި ހެކީގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމާ ނިޒާމު ހަރުދަނާކުރުމާއި ބަޖެޓް މުރާޖަޢާކުރުމާއި ދެފުށް ފެންނަ ގޮތަށް ކަންކަން ހިންގުމަށް ބާރުއެޅުމާއި މިންތީގެ ހަމަހަމަކަން ޤާއިމްކޮށް ތަފާތުކުރުން ނައްތައިލުމާއި ރައްޔިތުން ބައިވެރިކުރުން އިތުރުކުރުމަށް ސިޔާސަތުތައް އެކުލަވައިލައި، ޓައުންހޯލް ބައްދަލުވުންތައް ބޭއްވުމާއި ރައްޔިތުންނަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް ޓަކައި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމާއި މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމެވެ.