ހުޅުމާލެ އާއި މާލޭގައި އަލިފާނުގެ ހާދިސާ ހިނގި ތިން ތަނެއް ސާފުކުރުމުގެ އަމަލީ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.
މި މަސައްކަތް ކުރިއަށް ގެންދަނީ ސިޓީ ކައުންސިލްގެ އާންމު ޙިދުމަތް ތަކާ ބެހޭ ބައިގެ ޑިޒާސްޓަރ ޔުނިޓުންނެވެ.
އެގޮތުން ސާފު ކުރަމުން ދާ ތިން ތަނަކީ ހުޅުމާލެ ފޭސް 1 ގެ 110 ވަނަ ފްލެޓުގެ ގްރައުންޑް ފްލޯ އާއި، މާލޭގެ މާފަންނު އަވަށުގައި ހުރި ދެ ބުރީގެ އިމާރާތެއް ކަމަށްވާ މ. ޝަފާ ގެ އިތުރުން ގ.ފުންފަޅު ގޭ ގެ ހަަރު ވަނަ ފަންގިފިލާއެވެ. މި ތިން ތަނަކީވެސް އަލިފާނުގެ ހާދިސާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ތިން ތަނެވެ.
ހުޅުމާލެ 110 ވަނަ ފްލެޓުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މި ހާދިސާގައި އެ ފްލެޓުގެ ގްރައުންޑް ފްލޯއަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާއިރު މާފަންނު ޝަފާ ގޭގައި އަލިފާން ރޯވެފައިވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައެވެ. އަދި ގ.ފުންފަޅު ގޭގައި ރޯވި އަލިފާން ރޯވީ މިދިޔަ ހޯމަ ދުވަހު އެވެ.
މި ތިން ތަން ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އަލިފާނުގެ ހާދިސާގެ ސަބަބުން އުފެދިފައިވާ ކުނިތަކާއި އަދި ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ ތަކެތި ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލްގެ މުވައްޒަފުން ދަނީ ކުރަމުންނެވެ.
މިއީ އެ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ކުރިމަތިވެދާނެ ސިއްހީ ނުރައްކާތަކުން ސަލާމަތްކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
