މާލެ ސިޓީގެ އެކި ސަރަހައްދުތަކުގެ މަގުތަކަށް ނެރެފައި ހުރި ގާކުނޑިތަކާއި ކުނިތައް ނަގައި، މަގުތައް ސާފުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.
މިއީ މާލޭގެ މަގުތަކަކީ އަމާން އަދި ސާފުތާހިރު ތަނަކަށް ހެދުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.
މި މަސައްކަތާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ، މަގުތަކަށް ކުނި އަޅާ ފަރާތްތައް ފާހަގަކުރެވޭނަމަ އެކަން ކައުންސިލަށް އެންގުމަށް އެދޭ ކަމަށެވެ. އެ ގޮތުން، މަގުތަކަށް ކުނި އަޅާ މަންޒަރު ފެންނަ ފޮޓޯ ނުވަތަ ވީޑިއޯ، ކައުންސިލްގެ ހޮޓްލައިން ނަންބަރު 9341144 އަށް ފޮނުއްވައިދެއްވުމަށް ވަނީ އެދިފައެވެ.
މާލެ ސިޓީއަކީ، ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށް ޓަކައި ހުރިހައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއެވެ. އަދި މަގުތަކަށް ކުނި ނޭޅުމަށާއި، ކުނި އުކާލުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ކައުންސިލުން އިލްތިމާސްކުރެއެވެ.
