ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިމެނޭ، ވިނަރެސް އަދި ހިޔާ ފްލެޓްތަކުގައި ދިރިއުޅުވާއް ރައްޔިތުންނަށް ދޭންޖެހޭ މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބޮޑުތަނުން އިހުމާލުވަމުންދާ ކަމަށް ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ ވިދާޅުވެއްޖެއެވެ.
ޒަހިއްޔާ މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 8 ވަނަ ރަސްމީ ޢާއްމު ޖަލްސާގެއެވެ.
މިއަދުގެ ޖަލްސާގައި ކައުންސިލަރު ޒަހިއްޔާ ފާހަގަކުރައްވައިފައިވައިވާގޮތުގައި، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދަތިކަމަކީ އެ ސަރަހައްދުގައި ޢިމާރާތް ކުރަން ފަށައިފައިވާ މިސްކިތްތަކުގެ މަސައްކަތް ހުއްޓިފައި ހުރުމެވެ. އެ ގޮތުން، ހިޔާ ފްލެޓް ސަރަހައްދާއި ވިނަރެސް ފްލެޓްތައް ހިމެނޭ ސަރަހައްދުގައި އަޅަން ފެށި ތިން މިސްކިތެއްގެ މަސައްކަތް ހުއްޓިފައި އޮންނާތާ، ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ސަބަބުން ހުކުރު ދުވަސްތަކުގައި ގިނަ ޢަދަދެއްގެ ރައްޔިތުންނަށް، މިހާރު ހުރި މިސްކިތްތަކުން ޖާގަ ނުލިބުމުގެ ސަބަބުން، އަވީގައި ތިބެގެން ނަމާދުކުރަން ޖެހުމުގެ ދަތިކަން ތަޙައްމަލްކުރަން ޖެހިފައިވާކަމަށް ޒަހިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން، ދެވަނަ ފިޔަވަހީގައި އާދަޔާޚިލާފަށް މަދިރި ގިނަވެފައިވާއިރު، އެޗްޑީސީން އެކަން ޙައްލުކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާތީ، ރައްޔިތުންގެ ފަރާތުން އެ ކަމުގެ ޝަކުވާތައް އިންތިހާއަށް ލިބެމުންދާކަމަށް ޒަހިއްޔާ ވިދާޅުވިއެވެ. "އިންތިހާޔަށް މަދިރި ގިނަވެފައި ވާއިރު ވެސް އެޗްޑީސީން މަދިރި ނައްތާލަން މަސައްކަތެއް ނުކުރޭ. ފޮގް ނުކުރާކަން ވެސް ހިތާމަޔާއެކު ފާހަގަކުރަން،" ޒަހިއްޔާ ވިދާޅުވިއެވެ. މަދިރީގެ ސަބަބުން ޖެހޭ ބަލިތައް އިތުރުވަމުންދާ ދުވަސްވަރެއްގައި، ޢާއްމުރައްޔިތުންގެ ޞިއްޙަތާ ގުޅުން ހުރި މި ފަދަ ޙައްސާސް މައްސަލަތަކުގައި ކަނޑައެޅިގެން އިހުމާލުވުމަކީ ރައްޔިތުންގެ ޞިއްޙަތު ނުރައްކަލަށް ހުށަހެޅޭ ކަމެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޕާކިންގްގެ މައްސަލައަކީ ވެސް އެ ސަރަހައްދުގައި އިންތިހާއަށް ބޮޑުވެފައިވާ މައްސަލައެކެވެ. ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވި އިރު އިޢުލާން ކުރެއްވި ޕާކިންގް ބިލްޑިންގްތަކުގެ މަސައްކަތް ކުރިއަށް ނުދާކަމާއި، ވިނަރެސް ފްލެޓްތައް ވިއްކިއިރު ބުނެފައިވާ ފަދަ، ހިތްފަސޭހަ މައިޒާންތަކާއި ޕާކުތައް ހެދުމުގެ އެއްވެސް މަސައްކަތެއް އެޗްޑީސީއާއި، އެފްޑީސީން ކޮށްފައި ނުވާކަން ކައުންސިލަރު ފާހަގަކުރެއްވިއެވެ. މިއީ އެ ތަންތަނުގައި ދިރިއުޅޭ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
މީގެ އިތުރުން، ފްލެޓްތައް ރަނގަޅަށް މެއިންޓެއިން ނުކުރުމުގެ ސަބަބުން، ކުދި ކުރަފި ފަދަ ސޫފިތައް އާލާވުން އިތުރުވެފައިވާ ކަމަށާއި، ކަރަންޓު ކެނޑޭ ވަގުތުތަކުގައި ލިފްޓާއި ފެން ލިބުމުގައި ދަތިތައް ކުރިމަތިވާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް ވެސް ޒަހިއްޔާ ވިދާޅުވިއެވެ. އަދި ބައެއް މަގުތައް އާދަޔާ ޚިލާފަށް އަނދިރިކޮށް އޮތް ނަމަވެސް، އެ ކަން ހައްލުކުރުމަށް އެޗްޑީސީން އެކަށީގެންވާ މަސައްކަތެއް ކުރާތަން ނުފެންނަ ކަމަށް ވިދާޅުވިއެވެ. މިއީ ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް ދިނުމުގައި އެޗް.ޑީ.ސީ ފެއިލްވެފައިވާކަން ހާމަކޮށްދޭ ހެކިތައްކަމަށް، ޒަހިއްޔާ ވިދާޅުވިއެވެ.
