މާލެ އާއި ވިލިމާލެއެކޭ އެއްގޮތަށް ހުޅުމާލޭގައި ވެސް ކޮމިއުނިޓީ އެންގޭޖްމަންޓްގެ ޚިދުމަތް ފެށުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ ބުދަ ދުވަހު ބޭއްވުނު މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 8 ވަނަ ޖަލްސާގައި ބައިވެރިވި ކައުންސިލަރުންގެ އިއްތިފާގުންނެވެ.
މި މައްސަލަ ޖަލްސާއަށް އެޖެންޑާ ކުރެއްވީ ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަޙުމަދު ޣާލިބު އެވެ.
ޣާލިބު ވިދާޅުވީ ހުޅުމާލޭގެ ސާފުތާހިރުކަމާއި އިޖުތިމާއީ ރައްކާތެރިކަން ގެއްލެމުންދާތީ ރައްޔިތުންގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ. އެހެންކަމުން، ކައުންސިލަށް ގާނޫނީ ގޮތުން މަތިކޮށްފައިވާ ޒިންމާގެ ތެރެއިން، މަގުފާރަވެރިން މެދުވެރިކޮށް ހުޅުމާލޭގެ ރަށުތެރެ ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުމަކީ ރައްޔިތުން މިހާރުން މިހާރަށް ބޭނުންވާ މުހިންމު ހައްލެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޣާލިބު އިތުރަށް ވިދާޅުވީ، "ހުޅުމާލެ އަކީ ހަލުވި ދުވެލީގައި މީހުން އާބާދުވާ ރަށެއް. މި ކަމަކީ ހުޅުމާލޭގައި ދިރިއުޅޭ ވަރަށް ގިނަ ރައްޔިތުންގެ ހިޔާލާ މަޝްވަރާ." އޭނާ ފާހަގަކުރެއްވި ގޮތުގައި ހުޅުމާލޭގައި މުނިސިޕަލް ޚިދުމަތް ދިނުމުގައި ގާނޫނީ އެއްވެސް ހުރަހެއް ނެތެވެ.
މި ހުށަހެޅުމަށް ތާއީދު ކުރައްވަމުން ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު އާމިނަތު އިރާޝާ ވިދާޅުވީ، ހުޅުމާލޭގެ ސާފުތާހިރުކަން ބެލެހެއްޓުމުގައި އެޗްޑީސީން އިހުމާލުވެފައިވާ ކަމަށާއި ކަންތައްތައް ދާ ގޮތް ރަނގަޅު ނޫން ކަމަށެވެ.
މިކަމާ ގުޅޭގޮތުން މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ހުޅުމާލޭގެ ސާފުތާހިރުކަން ބެލެހެއްޓުމަށް ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓެއް އެ ރަށުގައި އޮތުން މުހިންމު ކަމަށެވެ. "އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެންގެ ބަޖެޓް ތަންދިން ވަރަކުން އެއީ ކުރަން ޖެހޭ ކަމެއްގެ ގޮތުގައި،" މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން މިއަދުގެ ޖަލްސާގައި މޭޔަރ ޢާޒިމް ހުށަހެޅުއްވީ ޖުމްލަ އަށް މުވައްޒަފަކު ނަގައިގެން، މާލޭގައި ހުންނަ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުގެ ދަށުން ހުޅުމާލޭގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ. މި ހުށަހެޅުމަށް ހެންވޭރު ހުޅަނގު ކައުންސިލަރު ފާތުމަތު ސަހުލާ ވަނީ ތާއީދު ކުރައްވާފައެވެ.
މި ނިންމުމާއެކު ހުޅުމާލޭގެ މަގުތަކާއި އާންމު ސަރަހައްދުތައް ބެލެހެއްޓުމުގެ މަސައްކަތް ސިޓީ ކައުންސިލުން ވަރަށް އަވަހަށް ފަށާނެ ކަމަށް ބެލެވެއެވެ.
