މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް16 ޖުލައި 2026


މާލޭގެ ޓްރެފިކް މައްސަލަ ޙައްލުކުރުމުގެ ޒިންމާ އޮތީ ސިޓީ ކައުންސިލަށް: މޭޔަރ ޢާޒިމް

މާލޭގެ ޓްރެފިކް މައްސަލަ ޙައްލުކުރުމަކީ، މާލެ ސިޓީ ކައުންސިލްގެ ޒިންމާއެއް ކަމަށާއި، އެއީ ސަރުކާރުން ޒިންމާވާންޖެހޭ ކަމެއްނޫންކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރު މި ފަދައިން ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 8 ވަނަ ރަސްމީ ޢާންމު ޖަލްސާގައި، ސްކޫލް ގަޑިތަކުގެ ޓްރެފިކް ބެލެހެއްޓުމާ ގުޅޭގޮތުން ހުށަހެޅުނު މައްސަލައަކަށް ބަހުސް ކުރައްވަމުންނެވެ. މި މައްސަލަ ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރ އިބްރާހީމް ލަބާން ޝަރީފް އެވެ.

މޭޔަރު ޢާޒިމް ވިދާޅުވީ، މާލޭގެ ޓްރެފިކް އަދި ޕާކިން މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި، މި ކަމަށް ޙައްލެއް ހޯދުމަށް، ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫއެންއެސްކެޕް) އާ ގުޅިގެން، ކައުންސިލުން މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. ނަމަވެސް، ސަރުކާރުން މި ކަމަށް ވަކި އޮފީހެއް ހަދައިގެން އުޅޭކަން ފާހަގަކުރައްވައި، މޭޔަރު ވިދާޅުވީ، ސަރުކާރުން ކުރަންޖެހޭ ކަމަކީ ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރުން އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭ. އެއީ އަޅުގަނޑުމެންނަކީ މި ކަމުގެ ޒިންމާވާ ފަރާތްކަމަށްވާތީ. އެ ބޭފުޅުންނަކީ ޒިންމާވާ ފަރާތެއް ނޫން. އަޅުގަނޑުމެންނަށް އުނދަގޫވާ ކަންކަން ނުކުރައްވާ" މޭޔަރު ވިދާޅުވިއެވެ. މީގެ އިތުރުން ރައްޔިތުންނަށް ޓަކައި މި ކަމުގައި އެކުގައި މަސައްކަތްކުރަން ކައުންސިލް އަބަދު ވެސް އޮންނާނީ ތައްޔާރަށް ކަމަށް މޭޔަރ ވިދާޅުވިއެވެ.

ޓްރެފިކް މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ މަޝްރޫއާ ގުޅޭގޮތުން، ޔޫއެންއެސްކެޕްގެ ޓްރާންސްޕޯޓް ޑިވިޝަންގެ ސެކްޝަން ޗީފް ކެޓްރިން ލޫގަރ ވަނީ، މި އަހަރުގެ އޭޕްރީލް މަހު މޭޔަރު ޢާޒިމާ ބައްދަލުކުރައްވައިފައެވެ. މި މަޝްރޫއަށް ބޭނުންވާ ފަންޑު ފޯރުކޮށްދެނީ ޔޫއެންއެސްކެޕުންނެވެ. މި ދިރާސާގައި މައިގަނޑު ގޮތެއްގައި ބަލަނީ، އުޅަނދުތަކުގެ ޢަދަދާއި، ދަތުރުފަތުރުގެ ވަސީލަތްތަކާއި، މި ނިޒާމުގައި ހުރި ގޮންޖެހުންތަކަށެވެ.

މި މަސައްކަތުގެ ޑޭޓާ އެއްކުރުމަށް މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުގެ 20 މުވައްޒަފުން ވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ 1000 އަށްވުރެ ގިނަ ގޭބިސީއަށް ޒިޔާރަތްކޮށްފައެވެ. މީގެ އިތުރުން، އޮންލައިންކޮށް މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފައެވެ. ކައުންސިލުން ޢާންމުކޮށްފައިވާ ލިންކު މެދުވެރިކޮށް ޢާންމުންނަށް މި ދިރާސާގައި ބައިވެރިވެވޭނެއެވެ.

މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ، މާލޭގެ ޓްރެފިކް ތޮއްޖެހުން ކުޑަކޮށް، ރައްޔިތުންނަށް، ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމްކުރުމެވެ.