މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް16 ޖުލައި 2026


ކެފޭ ރެސްޓޯރަންޓްތަކުގެ ދުންހޮޅިތަކުގެ މައްސަލަ ހައްލުކުރުމަށް ކައުންސިލުން ކޮމިޓީއަށް ފޮނުވައިފި

ޢާންމުންނަށް އުނދަގޫވާ ގޮތަށް މާލޭގެ ކެފޭ ރެސްޓޯރަންޓްތަކުގައި، ހަރުކޮށްފައި ހުރި ދުންހޮޅިތަކުގެ މައްސަލަ ދިރާސާކޮށް، އެ ކަމަށް، ދާއިމީ ހައްލެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މި މައްސަލައަކީ ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރ، ޢާއިޝަތު ނާޒިމާ، ކައުންސިލަށް ހުށަހެޅުއްވި މައްސަލައެކެވެ. ނާޒިމާ މި މައްސަލަ ހުށަހެޅުއްވީ، 15 ޖުލައި 2026 ވީ ބުދަ ދުވަހު، ކުރިއަށް ދިޔަ، މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 8 ވަނަ ރަސްމީ ޢާންމު ޖަލްސާއަށެވެ.

މި ކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލޭގެ ލޭންޑްސްކޭޕް އަލުން ފަރުމާކޮށް ތަރުތީބު ކުރަމުންދާއިރު، މިއީ ކޮންމެހެން މަޝްވަރާކޮށް ގޮތްތަކެއް ނިންމަންޖެހިފައިވާ މުހިންމު ކަމެއް ކަމަށެވެ. ކެފޭތަކުން ބޭރުވާ ދުމުގެ ސަބަބުން މަގު ހިނގާބިނގާވެ އުޅޭ މީހުންނަށާއި، ކައިރީގައި ދިރިއުޅޭ ޢާންމުންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވަމުންދާކަން މޭޔަރ ފާހަގަކުރެއްވިއެވެ.

މި މައްސަލަ އިތުރަށް ދިރާސާކުރުމަށް ޓަކައި މިހާރު ވަނީ، ކައުންސިލްގެ އާބަން ޕްލޭނިން ކޮމިޓީއަށް ފޮނުވައިފައެވެ. މޭޔަރ ވިދާޅުވި ގޮތުގައި، އާބަން ޕްލޭނިން ކޮމިޓީން މިކަމާ ގުޅުންހުރި އެހެނިހެން ކޮމިޓީތަކާ މަޝްވަރާކުރުމަށްފަހު، މި ކަމުގައި ޢަމަލުކުރާނެ ވަކި ގޮތްތަކެއް ނިންމާނެއެވެ.

މާލޭގެ ގިނަ ސަރަހައްދުތަކެއްގައި ހިންގާ ކެފޭ ރެސްޓޯރަންޓްތަކުގެ ދުންހޮޅިތައް ހުންނަނީ، މަގުމައްޗަށް ދުން ބޭރުވާ ގޮތަށް ނުވަތަ މީހުން ދިރިއުޅޭ އިމާރާތްތަކުގެ ކުޑަދޮރުތަކާ ދިމާއަށް ކަމަށްވާތީ، ޢާންމުންގެ މި ކަމުގެ ޝަކުވާ ޢާންމުން އަދަބަދު ވެސް ކުރެއެވެ.

ކައުންސިލުން މި މައްސަލަ ބަލައި ގޮތެއް ނިންމުމުން، ކުރިއަށް އޮތްތަނުގައި ދުންހޮޅިތައް ބެހެއްޓުމުގައި ވަކި މިންގަނޑުތަކަކަށް އަމަލުކުރަން ޖެހޭނެ ކަމަށް ބެލެވެއެވެ.