މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް16 ޖުލައި 2026


މާލޭގެ ކޮންމެ ދާއިރާއެއްގައި ކުޅިވަރު ކުޅޭނެ ތަންތަނާއި ޕާކުތައް ހުންނަންޖެހޭ: މޭޔަރ ޢާޒިމް

މާލެ ސިޓީގެ ލޭންޑްސްކޭޕް ހަދައި ފަރުމާކުރެވިގެންދާއިރު، މާލޭގެ ހުރިހައި ދާއިރާއެއްގައި ވެސް ކުޅިވަރު ކުޅޭނެ ތަންތަނާއި ޕާކުތައް ހުންނަންޖެހޭނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށާއި، އެ މަގުން ކަންކަން ހިނގަމުންދާނެ ކަމުގެ ޔަގީންކަން މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ދެއްވައިފިއެވެ.

މޭޔަރ ޢާޒިމް މި ފަދައިން ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 8 ވަނަ ރަސްމީ ޢާންމު ޖަލްސާއަށް، ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު އާމިނަތު އިރާޝާ ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ. އިރާޝާ މި މައްސަލަ ހުށަހެޅުއްވީ، ގަލޮޅުގެ ވަރަށް ގިނަ ރައްޔިތުންގެ އެދުމުގެ މަތިންނެވެ. އެ އަވަށުގައި ކުޅިވަރު ކުޅޭނެ ހުސްބިމެއް ނެތުމުގެ ސަބަބުން އެ ފަދަ ބިމެއް ހޯއްދަވައި ދެއްވުމަށް އެދިވަޑައިގެންވެ.

ކައުންސިލަރު އިރާޝާ ވިދާޅުވީ، ގަލޮޅަކީ މާލޭގެ މެދުގައި އޮންނަ، އާބާދީ ބޮޑު އަވަށެއް ކަމަށެވެ. އެ ގޮތުން ގަލޮޅު އުތުރު ދާއިރާގައި އެކަނި ވެސް 4,041 މީހުން ދިރިއުޅޭއިރު، އޭގެ ތެރޭގައި 1,325 ޒުވާނުން ހިމެނޭ ކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ގަލޮޅު ދެކުނު ދާއިރާގައި ވެސް މި ފަދަ ބޮޑު އާބާދީއެއް އޮތްއިރު، ދެ ޖިންސުގެ މީހުންނަށް ކުޅިވަރު ކުޅެލާނެ އެއްވެސް ތަނެއް، އެ އަވަށުގައި ނެތް ކަމުގެ ޝަކުވާ ރައްޔިތުން ކުރަމުންދާ ކަމަށް އިރާޝާ ވިދާޅުވިއެވެ.

"އަސްލު ޙަޤީގަތުގައި ފިރިހެނުންނާއި އަންހެނުން ކުޅިވަރު ކުޅެލާނެ ތަނެއް ހަމަ އަސްލު ވެސް ނެތް. މިއީ ގަލޮޅުގެ ވަރަށް ގިނަ ރައްޔިތުންގެ އެދުމެއް. ބިމެއް ލިބޭތޯ ކައުންސިލުގައި ދެންނެވުން" އިރާޝާ ވިދާޅުވިއެވެ.

މީގެ އިތުރުން، ގަލޮޅުގައި އެމްޓީސީސީގެ ބިމެއް ހުސްކޮށް އޮންނަތާ އެތައް އަހަރެއް ވެފައިވާކަން ފާހަގަކުރައްވަމުން، އެ ބިމާ ގުޅޭކަންކަން އޮތް ގޮތް، މޭޔަރު ބައްލަވައިދެއްވުމަށް އިރާޝާ އެދިވަޑައިގެންނެވިއެވެ. އޭނާ ވިދާޅުވީ، ޓީވީ މޯލްޑިވްގެ ފުރަހުގައި އޮންނަ މި ބިމުގައި އަބަދު ވެސް ހުންނަނީ ސަތަރި އަޅައިފައި ހުންނަ މުދާތަކެއް ކަމަށާއި، މާލޭގެ އެކި ސަރަހައްދުތަކުގައި މި ފަދަ ބިންތައް، 40 ނުވަތަ 50 އަހަރު ވަންދެން ބޭނުންނުކޮށް އެބަހުރި ކަމަށެވެ.

ކައުންސިލަރުގެ މި ހުށަހެޅުމާ ގުޅިގެން މޭޔަރު ޢާޒިމް ވިދާޅުވީ، މާލޭގެ ކޮންމެ ދާއިރާއެއްގައި ވެސް، ރައްޔިތުންނަށް ހިތްފަސޭހަ ކަމާއެކު ވަގުތު ހޭދަކޮށްލެވޭނެ ޕާކުތަކާއި ކުޅިވަރު ކުޅޭނެ ތަންތަން ހުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މާލޭގެ ތަރައްގީގެ މަޝްރޫއުތައް ބައްޓަންކުރާއިރު، މި ކަންކަމަށް އިސްކަންދެއްވާނެ ކަމުގެ ޔަގީންކަން މޭޔަރު ދެއްވިއެވެ. މި ކަމުގައި ސަރުކާރުގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމަށާއި އެހެންނަމަ ވެސް ސަރުކާރުގެ އެއްބާރުލުން، ކައުންސިލަށް ލިބެމުން ދަނީ ވަރަށް ވެސް ކުޑަކޮށްކަން މޭޔަރ ފާހަގަކުރެއްވިއެވެ.