ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ) ގެ ދަރިވަރުން އިންތިޒާމުކޮށްގެން ބޭއްވި "އެޓަމްސް އެކްސްޕޯ 2026" އަށް މާލޭ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ޒިޔާރަތްކުރައްވައިފިއެވެ.
މި ޒިޔާރަތުގައި މޭޔަރުގެ އަރިހުގައި ޑެޕިއުޓީ މޭޔަރު މީކާއީލް މުޙައްމަދު ރިޔާޟާއި ކައުންސިލަރުން ކަމަށްވާ އަޙުމަދު ޣާލިބު އަދި އިސްމާޢީލް ޙަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެކްސްޕޯއަކީ ދަރިވަރުންގެ ސައިންޓިފިކް ހުނަރުވެރިކަމާއި، އައު އީޖާދުތަކުގެ އިތުރުން އުފެއްދުންތެރިކަން ދައްކާލުމަށް ބޭއްވި މުހިންމު ހަރަކާތެކެވެ.
މޭޔަރ ޢާޒިމް ވަނީ އެކްސްޕޯގެ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، ދަރިވަރުން ތައްޔާރުކޮށްފައިވާ އީޖާދީ މަސައްކަތްތައް ބައްލަވައިލައްވައިފައެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، މި އެކްސްޕޯއިން ފެނިގެންދިޔަ ހުނަރުވެރިކަމަކީ، ޤައުމުގެ އުޖާލާ މުސްތަގުބަލު ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އަދި ސައިންސާއި އީޖާދު ކުރިއެރުވުމަށް ދަރިވަރުން ކުރަމުންދާ މަސައްކަތްތަކަށް، މޭޔަރު ވަނީ ތައުރީފު ކުރައްވައިފައެވެ.
ސީ.އެޗް.އެސް.އީއަކީ، ރާއްޖޭގައި މަތީ ސާނަވީ ނުވަތަ އޭ-ލެވެލް އަށް ކިޔަވައިދޭ އެންމެ ބޮޑު އެއް މަރުކަޒެވެ. ކުރިން ސައިންސް އެޑިޔުކޭޝަން ސެންޓަރ (އެސް.އީ.ސީ) ގެ ނަމުގައި ހިންގަމުންއައި މި މަދަރުސާއަކީ، ގިނަ ޢަދަދެއްގެ ދަރިވަރުން މަތީ ތަޢުލީމު ފުރިހަމަކުރަމުންދާ، ފާހަގަކޮށްލެވޭ މުހިންމު މުއައްސަސާއެކެވެ.
