މާލޭ ކުދީނާ ގޯޅީގައި ހިންގަމުންދާ "ފުޑް ބިސްޓްރޯ" ކެފޭގެ ދުންހޮޅިން ޒިކުރާ މިސްކިތުގެ ތެރެއަށް ދުމާއި ވަސް ވަންނަ މައްސަލަ ހައްލުނުކުރުމުން، މާލެ ސިޓީ ކައުންސިލުން އެތަން ބަންދުކޮށްފިއެވެ.
މި ފިޔަވަޅު އަޅާފައިވަނީ ހުސްވި ހަފްތާގެ ހުކުރު ނަމާދު ވަގުތު އެތަނުން ކައްކާ އެއްޗެހީގެ މިރުސްވަހުގެ ސަބަބުން މިސްކިތުގައި ތިބި މީހުންނަށް ނަމާދުކުރަން އުނދަގޫވެ، ހުށަހެޅުނު ޝަކުވާތަކާ ގުޅިގެންނެވެ.
އެތަނުގެ ދުންހޮޅިން މިސްކިތަށް ދުމާއި ވަސް ވަންނާތީ އެކަން ރަނގަޅު ކުރުމަށް ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވެއެވެ. ނަމަވެސް، އެކަން އިސްލާހުކޮށްފައި ނުވާތީ، ހުކުރު ނަމާދަށްފަހު އެ ޔުނިޓުން ވަނީ އެތަނަށް ގޮސް، ދުންހޮޅީގެ މައްސަލަ ހައްލުކުރެވެންދެން ޚިދުމަތް ހުއްޓުވައި ތަން ބަންދުކޮށްފައެވެ.
މި އޮޕަރޭޝަނުގެ ތެރޭގައި ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުގެ މުވައްޒަފުން އެތަނަށް ވަނުމާއެކު، އެތަނުގައި ކައްކަން ތިބި ބިދޭސީންނާއި ޚިދުމަތް ހޯދަން ގޮސް ތިބި ބިދޭސީންގެ ތެރެއިން ގިނަ ބަޔަކު ވަނީ ދުވެ ފިލާފައެވެ. މިއީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންތަކެއް ކަމަށް ބެލެވޭ ކަމަށް ކައުންސިލަށް ވަނީ މައުޅޫމާތު ލިބިފައެވެ.
މިކަމާ ގުޅިގެން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، އާންމުންނަށް އުނދަގޫވާ ގޮތަށް އަދި ހާއްސަކޮށް މިސްކިތްތަކުގެ ހުރުމަތް ގެއްލޭ ގޮތަށް ހިންގާ މިފަދަ ކަންކަމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި ކައުންސިލުން ދޭ އިރުޝާދުތަކަށް އަމަލުނުކުރާ ފަރާތްތަކާ މެދު ގަވާއިދުގެ ތެރެއިން ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް މޭޔަރު ފާހަގަކުރެއްވިއެވެ.
