ލީޑަރުންނަކީ ހަމައެކަނި ލީޑް ކުރާ ބައެއް ނޫން ކަމަށާއި، އެއީ ފޮލޯ ވެސް ކުރަން ޖެހޭ ބައެއް ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރ ޢާޒިމް މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ އިސް ވެރިންނާއި ކައުންސިލަރުންނަށް އަމާޒުކޮށްގެން މިއަދު މީރުމާ ހޮޓަލުގައި ކުރިއަށް ގެންދިޔަ "ކަލްޗަރ އެންޑް ސަރވިސް އެކްސެލެންސް މާސްޓަރކްލާސް" ތަމްރީނު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މަޝްހޫރު މޯޓިވޭޝަނަލް ސްޕީކަރު އަފީފް ހުސައިން ނަގައިދެއްވި މި ސެޝަންގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ ޢާޒިމް ވިދާޅުވީ، ލީޑަރެއްގެ ކިބައިގައި ހުންނަން ޖެހޭ އެންމެ މުހިންމު ދެ އަސާސަކީ ލީޑް ކުރުމާއި ފޮލޯ ކުރުން ކަމަށެވެ. އަދި ލީޑަރަކީ އަނެކާއަށް ވުރެ މަތީ މީހެއް ކަމަށް ދެކިގެން އުޅުމަކީ ލީޑަރެއްގެ ކިބައިގައި ހުރެގެންވާނެ ސިފައެއް ނޫން ކަމަށް ވެސް ޢާޒިމް ފާހަގަކުރެއްވިއެވެ.
"މީހާ މައްޗަށް ދާވަރަކަށް ތިރީގައި ވެސް ހުންނަން ދަސްކުރަން ޖެހޭ. މީހުންނަށް އިހްތިރާމް ކުރަން ދަސްކުރަން ޖެހޭ. އަދި އެންމެ އާދައިގެ މީހާއަކީ އެންމެ މުހިންމު މީހާ ކަމަށް ދެނެގަންނަން ޖެހޭނެ،" މޭޔަރ ޢާޒިމް ވިދާޅުވިއެވެ. މިގޮތުން ތަނެއްގެ މަސައްކަތު މީހާއަކީ އެންމެ މުހިންމު މީހާ ކަމަށް ދެކެން ޖެހޭނެ ކަމަށާއި، އޭނާއަށް އެންމެ ބޮޑު އިހްތިރާމެއް ނުދެވޭ ނަމަ އެއީ ލީޑަރެއްގެ ގޮތުން ފެއިލްވުން ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން، އަމާނާތްތެރިކަމާއި، އިހްތިރާމާއި، މެދުނުކެނޑި ހިދުމަތްތައް ތަރައްގީކޮށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަކީ ރައްޔިތުންގެ އިތުބާރު ހޯދުމަށާއި ލޯކަލް ގަވަރނަންސް ވަރުގަދަކުރުމަށް އޮތް އެންމެ މުހިންމު މަގުކަން މޭޔަރ ޢާޒިމް ފާހަގަކުރެއްވިއެވެ. މިފަދަ ތަމްރީނުތަކުގެ ސަބަބުން މުވައްޒަފުންގެ ވިސްނުމާއި ފިކުރު އެއްގޮތްވެ، އެންމެން އެކުގައި މަސައްކަތް ކުރަން ދަސްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މި ތަމްރީނު ޕްރޮގްރާމް ނިންމުމަށްފަހު، ސެޝަން ނަގައިދެއްވި އަފީފް ހުސައިންގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން ވަނީ އޭނާއަށް ހަދާނީ ފިލައެއް އަރުވާފައެވެ.
މޭޔަރ ޢާޒިމް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ބޭނުންތެރި ސެޝަންތައް ކައުންސިލުން ކުރިއަށް ގެންދާނެއެވެ.
