މާލެ ސަރަޙައްދުގައި މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން ބަލައި ޗެކްކުރުމުގެ ޚާއްސަ މަސައްކަތްތަކެއް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.
މި ހަރަކާތަކީ މާލޭގެ ސާފުތާހިރުކަން ދަމަހައްޓައި، ބަލިމަޑުކަމުން ރައްކާތެރިވުމަށް ކުރިއަށްގެންދާ ސިލްސިލާ މަސައްކަތްތަކުގެ ބައެކެވެ.
މި މަސައްކަތްތައް އަމަލީގޮތުން ކުރިއަށް ގެންދަނީ މާލެ ސިޓީ ކައުންސިލްގެ ޕެސްޓް ކޮންޓްރޯލް ޔުނިޓުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މަދިރި ކޮންޓްރޯލް ކުރުމަކީ އަބަދުވެސް މާލެ ސިޓީ ކައުންސިލުން މެދުނުކެނޑި ކުރަމުން އަންނަ މުހިންމު މަސައްކަތެކެވެ.
މި ކަމާ ގުޅޭ ގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، "މަދިރި ކޮންޓްރޯލް ކުރުމުގެ ގޮތުން މިދުވަސްވަރު ޚާއްސަ ސަމާލުކަމެއް ދީގެން މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މަސައްކަތް ތަކުގެތެރޭގައި މާލެ އާއި، ވިލިމާލެ ހިމެނޭހެން އެކި ސަރަޙައްދުތަކަށް ބަހާލައިގެން ފޮގް ކުރުމާއި، މަދިރި އުފެދޭގޮތަށް ހުންނަ ތަންތަން މަދިރި ބޭސް އަޅާ ނައްތާލުމުގެ މަސައްކަތް ހިމެނޭ" ކަމަށެވެ.
މި ޕްރޮގްރާމްގެ ދަށުން، މާލެ އާއި ވިލިމާލޭގެ އެކި ސަރަހައްދުތަކުގައި ފެން ހަރުލާ ގޮތަށް ހުންނަ ތަންތަން ދެނެގަނެ، އެފަދަ ތަންތަން ނައްތާލުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން ބަލި ފަތުރާ މަދިރި މަދުކުރުމަށްޓަކައި ގަވާއިދުން ފޮގް ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.
މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކުން ރައްޔިތުން ރައްކާތެރިކުރުމާއި، ދިރިއުޅުމުގެ މާހައުލަކީ ސިއްހީ ގޮތުން ރައްކާތެރި ތަނަކަށް ހެދުމެވެ.
