މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 22 ޖުލައި 2026


މާލެ ސިޓީ ކައުންސިލާއި އަލިފުށީ ކައުންސިލް ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކޮށްފި

މާލެ ސިޓީ ކައުންސިލާއި ރ. އަލިފުށީ ކައުންސިލާ ދެމެދު އޮތް ގުޅުން ބަދަހިކޮށް، އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މާލޭގެ މޭޔަރ އާދަމް ޢާޒިމްއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ 21 ޖުލައި 2026 ވީ އަންގާރަ ދުވަހު މާލެ ސިޓީ ކައުންސިލްގެ އިދާރާގައެވެ.

މި ބައްދަލުވުމުގައި ދެ ކައުންސިލް ގުޅިގެން ކުރެވިދާނެ ކަންތައްތަކާބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށް މޭޔަރު ޢާޒިމް ވިދާޅުވިއެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މާލެ ސިޓީ ކައުންސިލަށް އަލިފުށީ ކައުންސިލުން ގަސް ހަދިޔާކުރުމާ ގުޅޭގޮތުން ކުރެވުނު މަޝްވަރާތަކެވެ.

މޭޔަރ ޢާޒިމް ވަނީ އަލިފުށީ ކައުންސިލްގެ މެމްބަރުން މާލެ ވަޑައިގެން ބައްދަލުކުރެއްވި ކަމަށްޓަކައި އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ. "ރާއްޖޭގެ އެކި ކައުންސިލްތަކުގެ މެމްބަރުންނާ މި ގޮތަށް ބައްދަލުކުރަން ލިބޭ ކޮންމެ ފުރުޞަތަކީ، އަޅުގަނޑު ނުހަނު އުފަލާއެކު ބަލައިގަންނަ ފުރުޞަތެއް،" މޭޔަރ ވިދާޅުވިއެވެ.

މި ފަދަ ބައްދަލުވުންތަކުގެ ސަބަބުން ރާއްޖޭގެ އެކި ދާއިރާތަކުގެ ކައުންސިލްތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާވެ، އެއް ކައުންސިލުން އަނެއް ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

މި ބައްދަލުވުމުގައި މޭޔަރ ޢާޒިމްގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މީކާއީލް މުޙައްމަދު ރިޔާޟް އަދި މާލެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް މުހައިމިން ނަސީރު ބައިވެރިވެވަޑައިގެންނެވިއެވެ.