މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 24 ޖުލައި 2026


މިނިވަން ދުވަހުގެ ހަރަކާތްތަކަށް ޢިއްޒުއްދީން ފާލަން ސަރަހައްދުގެ ފަޅު ހުސްކޮށްދިނުމަށް އެދިއްޖެ

މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ރަސްމީ ހަރަކާތްތަކަށް، މާލޭގެ ޢިއްޒުއްދީން ފާލަމާއި ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ ފަޅު ހުސްކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުން އެދިއްޖެއެވެ.

2026 ޖުލައި 26 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތަކަށްޓަކައި، 25 ޖުލައި 2026 ވާ ހޮނިހިރު ދުވަހުގެ އިރުއޮއްސި 18:00 އިން ފެށިގެން 27 ޖުލައި 2026 ވާ ހޯމަ ދުވަހުގެ ރޭގަނޑު 00:00 ގެ ނިޔަލަށް އެ ސަރަހައްދުގެ ފަޅު ހުސްކޮށްދިނުމަށެވެ.

މި މުއްދަތުގެ ތެރޭގައި ޢިއްޒުއްދީން ފާލަމުގެ ހުޅަނގުން އޮންނަ ސަރަހައްދަށް ވަދެ ނުކުމެވާ އުޅަނދުފަހަރާއި، އެ ސަރަހައްދުގައި އަޅާފައިވާ ހުރިހާ އުޅަނދުފަހަރެއް ނެގުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ. މިއީ މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތައް އަމާންކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށް ކައުންސިލުން ބުނެއެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ މި ސަރަހައްދު ބޭނުންކުރާ ފަރާތްތަކުންނާއި އޮޑިދޯނިފަހަރު ގެންގުޅޭ ފަރާތްތަކުން މިކަމުގައި ފުރިހަމަ އެއްބާރުލުން ދިނުމަށް އެދިފައެވެ. "މިކަމުގައި މިސަރަހައްދު ބޭނުން ކުރައްވާ ހުރިހާ ފަރާތްތަކުން ވެސް އެއްބާރުލުން ދެއްވާ މިސަރަހައްދުގައި އޮޑިދޯނި ފަހަރު ގެންގުޅުއްވާ ފަރާތްތަކުން ޢަމަލީގޮތުން ބައިވެރިވެލެއްވުމަކީ މާލޭ ސިޓި ކައުންސިލްގެ އެދުމެކެވެ،" ކައުންސިލްގެ އިޢުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، މީގެ ކުރިންވެސް މިފަދަ ކަންކަމުގައި އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން ދެއްވާފައިވާ ތަރުހީބާއި އެއްބާރުލުން ފާހަގަކޮށް، ކައުންސިލުން ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކުވެސް ޖުމްހޫރީ މައިދާން ސަރަހައްދުގައި ކުލަގަދަ ހަރަކާތްތަކެއް ބާއްވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.